ads
މުއިއްޒުގެ ކެމްޕެއިން ތަރުޖަމާން މުހައްމަދު ތޮލާލް ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް
ޑިމޮކްރެޓުންނާއެކު ގިނަ ކަންކަމަށް އެއްބަސްވެވޭ: ޕީޕީއެމް
ދަ ޑިމޮކްރެޓްސްއާއެކު ގިނަ ކަންކަމަށް މިހާރުވެސް އެއްބަސްވެވިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ބުނެފި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ސްޕޯކްޕާސަން (އެސްޖީ) މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް ކަމަށާއި ކުރިއަށް ވެސް މަޝްވަރާ ކުރަން ޖެހޭ މުހިންމު ކަންކަން އެބަހުރި ކަމަށެވެ.

"ނިޒާމީ ވޯޓުގެ މަޝްވަރާ ވެސް އެބައޮވޭ އޭގެ ތެރޭގައި. އެއީވެސް މަޝްވަރާ ކުރިއަށްދާ ކަމެއް. ވަރަށް ގިނަ ކަންކަމަށް އެއްބަސްވެވިއްޖެ މިހާރު ވެސް،" ތޮލާލް ވިދާޅުވި އެވެ.

ޕީޕީއެމުން އެއްވެސް ލިޔުމެއްގައި ސޮއިކުރަން ބޭނުން ނުވާ ކަމަށް ޑިމޮކްރެޓްސް އިން ދާދި ފަހުން ބުނެފައިވާއިރު ތޮލާލް ވިދާޅުވީ އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުން ނުވާ ކަމަށް މުޅިން ނިންމާފައި ނުވާނެ ކަމަށާއި ސޮއިކުރަންޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ. އަދި އެއްޗެއްގައި ސޮއިކުރެވޭނީ މަޝްވަރާތަކަށްފަހު ކަމަށް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްއާ އެކު އެމްޑީޕީން ވެސް މަޝްވަރާތައް ކުރަމުންދާއިރު، މިރޭ ބާއްވާ އެ ޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވުމަށް ފަހު ދެވަނަ ބުރުގައި ޑިމޮކްރެޓްސް އޮންނާނެ ކޮޅަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް ވެއެވެ. އެ ބައްދަލުވުން އޮންނާނީ މިރޭ 9 ޖަހާއިރު ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލުގަ އެެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމަށް ދެ ކެންޑިޑޭޓުންނަށްވެސް ދަ ޑިމޮކްރެޓްސްއާއި ގުޅުން މުހިންމެވެ. އެއީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަށް އިންތިޚާބުގެ 15،839 ގިނަ ވޯޓާއެކު ތިންވަނަ ލިބުމެވެ. އެއީ އިންތިޚާބުގެ 7.18 އިންސައްތަ ވޯޓެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ ތެރެއިން 84،805 ވޯޓެވެ. އެއީ 39.04 ޕަސަންޓެވެ. ވާދަވެރި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 100,342 ވޯޓެވެ. އެއީ 46.19 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް