މިކަން އިއުލާން ކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގުގައި 250 މިލިއަން ރުފިޔާ އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރުން މަސްވެރިންނަށް ފައިސާ ދެމުން އަންނަނީ ބަރާބަރަށެވެ. އަދި މިހާރު މަސްވެރިންނަށް ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އެ މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި 25 ހާސް ޓަނުގެ މަސް ސްޓޯރޭޖް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި މަސައްކަތް ނިމޭނީ މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ކަމަށް ވެސް އެ މިނިސްޓަރު ވިދާޅުވި އެވެ.