މާލޭގައި މިއަދު ކެމްޕޭނަށް ހިންގެވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދާއި ވާހަކަ ދެއްކެވީ ވަރަށް ދުވަސްފަހުން ކަމަށެވެ. ނަމަވެސް ވާހަކަ ނުދެކެވޭހާ ދުރުގައި ތިބިކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ޑިމޮކްރެޓުން ހުށަހަޅަމުންދާ ހުށަހެޅުމާއި ގުޅިގެން ރައީސް ސޯލިހާއި ރައީސް ނަޝީދުވަނީ އިއްޔެ ފޯނުން ވާހަކަ ދައްކަވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެމްޑީޕީން ގަބޫލު ކުރާ ގޮތް ހުށަހަޅާފައިވާނެ ކަމަށާއި ދެވަނަ ބުރުގެ ކުރިން ސެޕްޓެމްބަރު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކުރިން ވެސް ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ހިޔާލު ތަފާތުވެ ދެ ބޭފުޅުންގެ މެދުގައި މައްސަލަތައް ޖެހެންވަނީ ފަށާފައެވެ. ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހު ކުރި ހޯއްދެވުމުން ރައީސް ނަޝީދުވަނީ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާ އެ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.