
މާފަންނޫގައި މިރޭ ބޭއްވި ކެމްޕޭނު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތަށް ހިޔާނާތްތެރިވެވަޑައިގެންފައި ނުވާނެ ކަމަށާއި އެފަދަ ތުހުމަތެއް ވެސް ނުކުރެވޭނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ކޯލިޝަންގައި ހިމެނޭ އަދާލަތާއި އެމްޑީއޭގެ މަގުސަދަކީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ.
ޕީޕީއެމްގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއިން ބޭރުން ފައިސާ ހޯދަން އޭރު އުނދަގޫވީ ގެންގުޅެމުން ދިޔަ ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށެވެ. މާލީ އިދާރާތަކަށް ވެސް ސަރުކާރަށް މިހާރު އިތުބާރު އޮންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައީސް ސޯލިހަށް ވައްކަމުގެ ތުހުމަތާއި ހިޔާނާތްތެރިވީ ކަމުގެ ތުހުމަތު ވެސް ކުރަމުންނެވެ. ރައީސް ސޯލިހު މިރޭ ވިދާޅުވީ އެމަނިކުފާނާއި މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ އޭސީސީއަށް ނުވަތަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވަައިގެން ބެއްލެވުމަށް ގޮވާލައްވާފައެވެ.