
މާފަންނޫ އުތުރުގައި މިރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަން ހޯދަން މިހާރު އޮތް ގޮތުން، މައިންބަފައިންގެ ފަރާތުން ލިބިފައިވާ 30 ނުވަތަ 40 އަހަރުވަންދެން ދިރިއުޅެމުން ދިޔަ ކުޑަ ތަންކޮޅު ދޫކޮށްލަން މަޖުބޫރުވާ ކަމަށެވެ. ނަމަވެސް އެއީ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެ ގޮތް ބަދަލު ކުރައްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ހައުސިން މަޝްރޫއުތައް ހިންގާ އިރު އެގޮތަށް މަޖުބޫރު ކުރާ މައްސަލަ ހައްލު ކުރަން ގާނޫނު އިސްލާހު ކުރަން ވެސް ނުޖެހޭ ކަމަށެވެ. މިހާރު އެ ގާނޫނުތައް މާނަ ކުރަނީ މާ ހަރުކަށިކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ހިޔާ ފުލެޓު ދޭން ނިންމާފައިވާނީ 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއް އޮތް ނަމަ އެތަނެއް ދޫކޮށްލަން ނުޖެހޭ ގޮތަށް ކަމަށެވެ. ނަމަވެސް ސަރތުކާރު ބަދަލުވުމުން އެކަމަށް ބަދަލު ގެނައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގިރާވަރުފަޅާއި ފުށިދިއްގަރު ފަޅު ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކާ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ. އޭގެއިތުރުން މިހާރު ބަހަމުންދާ ގޯތިތައް ހެދޭނެ ގޮތަށް ފަހެއް އިންސައްތައަށްވުރެ ބޮޑު ނުވާ ގޮތަށް އިސްލާމިކް ފައިނޭންސިންގެ ދަށުން ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސާދެއްވާނެ ކަމަށެވެ.