ads
ޓެކްސީތަކެއް: ގަރާޖު ސިޓީ ޝަރުތު އުނިކޮށް، ޓެކްސީތައް ރަޖިސްޓްރީ ކުރަން 10،000 ރުފިޔާ ނެގުމަށް ވަނީ ނިންމާފައި - ފޮޓޯ:އަވަސް
ގަރާޖު ސިޓީ ޝަރުތު އުނިކޮށް، ޓެކްސީތައް ރަޖިސްޓްރީކުރަން 10،000 ރުފިޔާ ނަގަނީ
ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ ބޭނުން ނުވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.

މި ދެ ގިންތިއަށް ފެތޭ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީއެއް ބޭނުން ނުވި ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިސްލާހުގައި އާ ގަވާއިދުގެ ދަށުން އެހެން ހުރިހާ ވެހިކަލެއް ރަޖިސްޓްރީ ކޮށްދިނުމަށް ނިންމާފައިވަނީ އެ އުޅަނދެއް ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުންނެވެ. އެ ލިޔެކިޔުންތަކަކީ:

  • ގަރާޖެއްގައި އުޅަނދު ބޭއްވުމާ މެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން
  • ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް

މީގެކުރިން މި ގިންތީގެ އުޅަނދުތައް ރަޖިސްޓްރީ ކުރަން ބޭނުން ވަނީ ގަރާޖު ހުއްދަ ނުވަތަ ގަރާޖު ސިޓީއެވެ.

އާ ގަވާއިދުގެ ދަށުން ޓެކްސީ ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ ބޭނުންވާ ޝަރުތު އުނިކޮށްފައި ވީނަމަވެސް، ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް 10،000 ރުފިޔާ ޓްރާންސްޕޯޓް މިނިސްޓްރީއަށް ދައްކަން ޖެހެއެވެ. މިއީ ކުރިން ނަގަމުން އައި ނަމަވެސް މި ސަރުކާރުން މިދިޔަ މާޗް މަހު ގެޒެޓުކުރި ގަވާއިދުގައި އުނިކޮށްފައިވާ މާއްދާއެކެވެ.

އެކިއެކި މަޝްރޫއުތައް ހިންގަން ރާއްޖެއަށް ގެންނަ ވެހިކަލްތަކަށް ވަގުތީ ރަޖިސްޓްރީ ދޫކުރުމަށް 15،000 ރުފިޔާ ނަގަން ޓްރާންސްޕޯޓް މިނިސްޓްރީގެ އާ ގަވާއިދުގައި ވަނީ ހިމަނާފައެވެ. މީގެކުރިން މިކަހަލަ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް އެއްވެސް ފައިސާއެއް ނުނަގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް