
އެކްސްގައި ހަބީބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިހާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ.
އަދި އެކަމަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުވާނެކަމަށްވެސް ހަބީބު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިފަދަ ވޯޓެއް ނެގުމުގެ ކުރިން ކުރަންޖެހޭ އެއްމެ މުހިއްމު ކަމަކީ މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާއިމެދު ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށާއި، ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާއި އާއި ގެއްލުމާއި މެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ އިލެކްޝަން ކޮމިޝަނުގެ ގާނޫނީ ޒިންމާއެއް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ހަބީބު މިހެން ވިދާޅުވިއިރު، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ، އެކަން ރައްޔިތުންގެ މަޖިލީހުން އިލެކްޝަން ކޮމިޝަނަށް އެންގުމާއެކު، ނިޒާމީ ވޯޓް ނެގުމުގެ މަސައްކަތްތައް އިލެކްޝަން ކޮމިޝަނުން ކުރަންޖެހޭނެ ކަމަށް ދެކިލައްވާ ކަމަށް ވިދާޅުވެފައެވެ،
ރައީސް ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީ އިން ވަނީ، ރާއްޖޭގައި ވެރިކަންކުރުމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް، ސެޕްޓެމްބަރު މަހުގެ 28 ވަނަދުވަހުގެ ކުރިން ނެގުމަށް ގޮވާލާފައެވެ.
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމް ވޯޓެއް ކުރިޔަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، ނުވަތަ ޕާލަމެންޓްރީ / ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ. ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 އިންސައްތަ އެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 އިންސައްތަ އެވެ.