ads
ރައީސް ސޯލިހު މިއަދު ހެންވޭރުގައި ދޮރުން ދޮރަށް ހިންގަވަނީ
މަޖިލިސް ހުއްޓުވާ ވާހަކައަކީ ދޮގެއް: ރައީސް
ރައްޔިތުންގެ މަޖިލިސް ހުއްޓުވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބައިވެރިވުން އެކަމުގައި އޮވެގެން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދޮގު ކުރައްވައިފިއެވެ.
Advertisement

ހެންވޭރުގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވަން ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މަޖިލިސް ހުއްޓުވާލުމުގައި އެމަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ވަގުތު ޖެހުނުއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ، 17 މެމްބަރުންނެވެ. މަޖިލީހުގެ ޖަލްސާއެއް ފެށުމަށް ކޯރަމް ހަމަވާ އަދަދަކީ 22 މެމްބަރުންނެވެ. ކޯރަމް ހަމަނުވެ، ޖަލްސާ ފެށުމަށް އޮތްގަޑިއަށް ނުފެށުމުން، އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރައްވާ ނަޝީދު ވިދާޅުވީ ޖަލްސާގެ ކޯރަމް ހަމަނުވަނީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުނުވުމުން ކަމަށާއި، އެކަގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ ނަންގަވަންޖެހޭނެ ކަމަށެވެ.

"އެއީ މުޅީން ދޮގު ވާހަކައެއް. އަޅުގަނޑު 25 އަހަރު އުޅެފައި ހުރި މީހެއް މިއީ މަޖިލީހުގައި. މަޖިލީހުގައި ކަންތައްތައް ހިނގާ ގޮތް އެނގޭ. މަޖިލީހުގެ ކަންކަން ވާ ގޮތް އެނގޭ. އަޅުގަނޑު އޭގެ ތެރެއަށް ހަމަގައިމު ވެސް ނުވަންނަން," ރައީސް ސޯލިހު ވިދާޅުވި އެވެ.

އަދި މިއަދު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ އަށް އެޑްރެސް ކުރައްވައި، ރައީސް ނަޝީދު ވަނީ ސިޓީފުޅެއް ވެސް ފޮނުވާފައިއެވެ. މިސިޓީފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ދައުލަތުގެ ބާރުތައް އަތްޕުޅު މައްޗަށް ނަންގަވައި، ދިވެހި ދައުލަތް ހުއްޓުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ގޮވާލާ ކަމަށެވެ.

"ރައްޔިތުންނަށް ނިޒާމް ބަދަލުކުރަން ނުފެންނަ ނަމަ، އަޅުގަނޑު ނުޖެހޭނެ ތަސްދީގު ކުރާކަށް، ފެނިއްޖެއްޔާ ދެން އޮންނާނީ އޭގެ ތެރެއިން ސަރުކާރު ބައްޓަންކުރާ ގޮތް އެކި ގައުމުތަކުގައި އެކި ގޮތަށް އެބަހުރި، ބާރުތައް ބައިކޮށްފައި ވެސް އެބަހުރި ރައީސަކަށް ވަކި ބާރުތަކެއް ދީފައި ބޮޑުވަަޒީރަކަށް ވަކި ބާރުތަކެއް ދީފައި ހުންނަ ނިޒާމެއް ވެސް އެބަ އޮތް، އަދި އެހެން ގޮތްތައް ވެސް އެބަ ހުރޭ. ޑީޓައިލްއަކަށް އަޅުގަނޑުމެން ވާހަކަ ދައްކާނީ ފަހުން،" މާލޭގައި ކެމްޕެއިނަށް ދޮރުން ދޮރަށް ހިންގަވަމުން، ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިޔަސް، ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ބެހޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމުގެ ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވުމަށް ފާސްވީ އެމްޑީޕީގެ 21 މެމްބަރެއްގެ ތާއީދާއެކު ކަން ފާހަގަކޮށްލެވެއެވެ. ގަރާރު ފާސްކުރަން ވޯޓް ދެއްވި މެމްބަރުންގެ ތެރޭގައި އައްޑު އަތޮޅު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، އަދި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ރަނިންގްމޭޓަކަށް ކަނޑައަޅުއްވާފައިވާ މުހައްމަދު އަސްލަމްވެސް ހިމެނިވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް