ads
ފާރިސް މައުމޫން
ދެވަނަ ބުރުގައި ފާރިސް ވެސް ނިންމެވީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރަން
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ފާރިސް މައުމޫން ނިންމަވައިފި އެވެ.

މި މަހުގެ ނުވައެއްގައި އޮތް ފުރަތަމަ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ހަ ވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވީ ފާރިސްއެވެ. އެއީ 2،979 ވޯޓެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ނިންމުން އިއުލާނު ކުރެއްވުމަށް ފަހު ފާރިސް ވިދާޅުވީ، ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބުމުގެ މާނަ އަކީ މުޅިން ފުރިހަމަ މެނިފެސްޓޯއެއް އެއްވެސް ކެންޑިޑޭޓަކަށް ނުދެއްކުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ލިބުނު ވޯޓުގެ އަދަދަށް ބަލާއިރު ވެސް އެގޮތުން މާ ތާއީދު ބޮޑު ބައެއް ކަމަކަށް އަޅުގަނޑުމެން ވެސް ނުދެކެން،" ފުރަތަމަ ބުރުގައި އެއް ޕަސެންޓު ލިބުނު ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، އޭނާ ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމުން، އޭނާއަށް ވޯޓު ދިން ބަޔަކު އެގޮތަށް އަމަލުކުރާނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާއަށް ބަލާއިރު އޭނާ އަކީ މާ ތާއީދު ބޮޑު ބޭފުޅެއްގެ ގޮތުގައި ދެކިވަޑައިނުގަންނެވި ނަމަވެސް، ފާރިސް ވިދާޅުވީ، އޭނާގެ މަގްސަދަކަށް ވީ ލިބުނު ފުރުސަތުގައި ދެ ކެންޑިޑޭޓުންނާ އެކު ވެސް ހުށަހެޅުންތައް ހިއްސާކޮށް، އެމްޑީޕީ އަދި ޕީޕީއެމް-ޕީއެންސީން ބަލައިގަންނާނެ ކަންތައްތައް ސާފުކުރުން ކަމަށެވެ. އަދި ގައުމުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން އެ މީހުންގެ މެނިފެސްޓޯއަށް އިތުރުކުރުން ކަމަށެވެ.

އެގޮތުން، ދެ ޕާޓީއާ އެކު ވެސް ރަނގަޅު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ކަމަށް ފާރިސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ހެދި ފަދަ މެނިފެސްޓޯއެއް އެފަދަ ޕާޓީއެއްގެ ތެރެއިން އައުމަކީ ނާދިރު ކަމެއް، ހަމައެއާއެކީގައި އަޅުގަނޑުމެން ގެންނަން މި ބޭނުންވާ އިސްލާހުތައް ވަކި ޕާޓީއަކުން ގެންނަން ދަތިވާނެ،" ފާރިސް ވިދާޅުވި އެވެ.

އެންމެ ގިނަ ވޯޓާ އެކު، މި މަހުގެ 30 ގައި ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އިބްރާހިމް މުހައްމަދު ސޯލިހަށް 86،161 ވޯޓެވެ.

އެ އިންތިހާބުން 5460 ވޯޓާއެކު ފަސް ވަނަ ހޯއްދެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވެސް މީގެ ކުރިން ވަނީ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

މި އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަހަތަށް ޖައްސައިލުމަށް ފަހު، ހަތަރު ވަނަ ހޯއްދެވީ އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރެވެ. އޭނާ ވަނީ ފުރަތަމަ ބުރުގައި 6،000 ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އުމަރުގެ ނިންމުމަކީ ވެސް ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރެއްވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް