މާރިޔާ އެގޮތަށް ވިދާޅުވީ ދިވެހި ސިފައިންގެ އިންޓެލިޖެންސްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަ ޖެނެރަލް އަބްދުالله ޒުހުރީ ސިފައިންނަށް ބިރު ދައްކައި ރައީސް ސޯލިހަށް ވޯޓުލުމަށް މަޖުބޫރު ކުރަމުންދާ ކަމަށް ބުނެ، އިއްޔެ އޮންލައިން ނޫހެއްގައި ލިޔުނު އާޓިކަލްއަކާ ގުޅިގެންނެވެ.
އެ ވާހަކަ ދޮގުކުރައްވާ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ، ސިފައިންގެ ވެރިންނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފެތުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ދޮގު ވާހަކަތައް ދައްކައިގެން ސިފައިންގެ ސަފުތައް ރޫޅާލުމަށް ކުރާ މަސައްކަތްތައް ކުއްވެރިކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސިފައިންނަކީ ރައްޔިތުންނަށް ކަމެއް ދިމާވާ ކޮންމެ ވަގުތުތަކުގައިވެސް ނުކުމެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތިބި ޕްރޮފެޝަނަލް ބައެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުން ދާ ވާހަކަތައް ސަރުކާރުން އަންނަނީ ކުށްވެރިކުރަމުން ނެވެ. އަދި އަވައްޓެރި ގައުމުތަކާއި "ޖެހިގެން" ސިޔާސީ މޮޅެއް ހޯދަން އުޅުމަކީ ޤައުމަށް ފައިދާހުރި ގޮތް ނޫން ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ކެމްޕޭނަށް ފ. ބިލެތްދުއަށް ވަޑައިގެން މިފަހުން ރައީސް ވިދާޅުވީ ގައުމިއްޔަތާއި ދީނާއި މިނިވަންކަމުގެ ވާހަކަ ދައްކައި އެމަނިކުފާނުގެ ވާދަވެރިން ދަނީ ބުހުތާނު ދޮގު ހަދަމުން ކަމަށެވެ. އެއީ މުޅިން ވެސް އޮޅުވާލުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ދައުރަކީ މިނިވަންކަމަށްޓަކައި ވެސް އެންމެ ގިނަ މަސައްކަތްތައް ކުރެވުނު ދައުރު ކަމަށެވެ.