ads
ގަލޮޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ޝައުނާ ރޭ ވާހަކަ ދައްކަވަނީ. --
ރައީސް ސޯލިހް އަނިޔާވެރި ނުވާނެ: ޝައުނާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަނިޔާވެރި ނުވާނެ ކަމަށާއި އެމަނިކުފާނު ވައްކަން ވެސް ނުކުރައްވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެއެވެ.

ގަލޮޅު ކަންމަތީ އޮތް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައުނާ ވިދާޅުވީ އުންމީދަކީ މި އިންތިހާބު ބޮޑުތަނުން ރައީސް ސާލިހު ކާމިޔާބު ކުރެއްވުން ކަމަށާއި ރައްޔިތުން ހިތްވަރާއެކު އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް ޝައުނާ އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގައި މިހާރު އޮތީ އަނިޔާވެރިކަމުގެ ފިކުރާއި ހެޔޮވެރިކަމުގެ ފިކުރުކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ފާއިތުވި މާޒީގައި ލިބުނު އަނިޔާތައް ރައްޔިތުން ހަނދާން ނުނެތޭނެ ކަމަށެވެ.

"މި ހުންނެވި ރައީސަށް އަޅުގަނޑު ތާއީދުކުރަނީ ހަމަ ޔަގީނުން ވެސް އަނިޔާވެރިއެއް ނުވާނެތީވެ، ވައްކަން ނުކުރައްވާނެތީވެ، ޔަގީން ކުރައްވާ ތިޔަ ބޭފުޅުންގެ އެންމެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ،" ޝައުނާ ވިދާޅުވި އެވެ.

އެމްޑީޕީން ކުރަމުން އަންނަ ސިޔާސީ މަސައްކަތަކީ މުޅި ރާއްޖެ ބަދަލު ކުރުމުގެ މަސައްކަތް ކަމަށާއި އަމާން ރާއްޖެއަކަށް ފެށި ދަތުރުގައި މި ސަރުކާރުން ގިނަ ވައުދުތައް ވެ، އެ ވައުދުތައް ފުއްދާފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

މި ދަތުރުގައި އެމްޑީޕީގެ ސަޕޯޓަރުންވީ ގުރުބާނީތަކުގެ ހަނދާން އާކުރައްވަމުން ޝައުނާ ވިދާޅުވީ، އެ ދުވަހު ޕެޕަ ސްޕްރޭ އާއި މުގުރާއި އެސްއޯ ފުލުހުންގެ އަނިޔާއަށް އެއްވެސް ބިރެއް ނެތި، ގައުމަށް ހެޔޮ ގޮތް ހޯދަން އެތައް ބަޔަކު ނުކުތް ކަމަށެވެ.

އެ މަސައްކަތުގައި ގަލޮޅު ރައްޔިތުންގެ ހިއްސާ ބޮޑުކަން ޝައުނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެމްޑީޕީ ނޫން ބަޔަކަށް ގަލޮޅުން ތާއީދެއް ވެސް އަދި މެޖޯރިޓީއެއް ވެސް ނުލިބޭ ކަމަށާއި އުންމީދު ކުރައްވަނީ މި ފަހުރުވެރި ތާރީހް މި ރިޔާސީ އިންތިހާބުގައި ވެސް ދެމެހެއްޓުން ކަމަށް ޝައުނާ ވިދާޅުވިއެވެ.

ދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ ތެރެއިން 86،164 ވޯޓެވެ. ވާދަވެރި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101,581 ވޯޓެވެ. 

ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ، އެމްޑީޕީން ވަކިވެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އުފެއްދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ. އިސްލާޔަށް ލިބިވަޑައިގަތީ 15839 ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް