ads
އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން
އަމީނީމަގުގެ ބާކީ ބައިގައި ތާރުއަޅާނީ އަންނަމަހު: އަކްރަމް
އަމީނީ މަގުގެ ބާކީބައިގައި ތާރު އަޅަން ފަށާނީ އަންނަ މަހު ކަމަށް ހައުސިން މިނިސްޓްރީ އިން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ހައުސިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމަށްފަހު މަސައްކަތް މެދުކަނޑާލީ، ވޯޓުލާ ދުވަހު މަގު ބަންދުކޮށްފައި އޮވެއްޖެ ނަމަ ގިނަ ބަޔަކަށް ދަތިވާނެތީ ކަމަށާއި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު، އެބައިގަ ތާރުއަޅަން ފަށާނެކަމަށެވެ.

އަމީނީމަގުގައި ދެން ތާރުއަޅަން ޖެހޭނީ އެ މަގުގައި އެންމެ ބާރުބޮޑު ހިސާބުގައި އެވެ. އެއީ ވިލިމާލެ ފެރީ ޓާމިނަލާއި އައިޖީއެމްއެޗްގެ ބޭރު މަގާ ގުޅޭ ހިސާބެވެ. ފެރީ ޓާމިނަލާއި، އައިޖީއެމްއެޗްގެ އިތުރުން ބޭރުމަގާއި ގުޅޭ ހިސާބުކަމަށްވުމާއެކު، އަމީނީމަގުގެ އެސަރަހައްދަކީ އަބަދުވެސް ވަރަށް ކާރޫބާރު ބޮޑު ސަރަހައްދެކެވެ.

އަކްރަމް ވިދާޅުވީ އަލަށް ހަދަމުން އަންނަ މަގުގެ ފަހު ސެގްމެންޓު ފަށަން ފުރަތަމަ ނިންމީ މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ކަމަށެވެ. ނަމަވެސް، ރިޔާސީ އިންތިހާބު ދެވަނަބުރަކަށް ދިއުމާއެކު، ދެން އެބައިގެ މަސައްކަތް ފަށާނީ، އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވާ މިމަހުގެ 30 ވަނަދުވަހަށް ފަހު ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީމަގުގެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީވެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތައް ވަރަށް ބޮޑަށް މި ޕްރޮޖެކްޓަށް އަމާޒުވެފައިވެއެވެ. ހައުސިންގް މިނިސްޓްރީ އިން ބުނެފައިވަނީ އެމަސައްކަތް އެއްކޮށް ނިންމާލެވޭނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް ކުރިން ބުނެފައިވެއެވެ. އެޕްރޮޖެކްޓްއަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އާރުޑީސީ) ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް