މި އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީއެވެ.
އެމްޓީސީސީން ބުނީ އެމްއައިބީ އާއެކު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން މިއަދުން ފެށިގެން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނިން ވިއްކާ ޔަންމާ އަދި ސުޒުކީ ބްރޭންޑްގެ އިންޖީނު ގަންނަ ކަސްޓަމަރުންނަށް ދިގު މުއްދަތަށް ބަހާލައިގެން އިސްލާމީ އުސޫލްތަކާ އެއްގޮތްވާގޮތުގެމަތިން އިންޖީނަށް ފައިސާ ދައްކާ ހަލާސްކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.
މި އެމްއޯޔޫގެ ދަށުން ސުޒުކީ އައުޓްބޯޑު އިންޖީނުން (2.5 އެޗްޕީއިން 325 އެޗްޕީ އާ ހަމައަށް) އަށް އިންސައްތައިގެ ޑިސްކައުންޓެއް އަދި ޔަންމާ (35 އެޗްޕީއިން 1400 އެޗްޕީ އާ ހަމައަށް) އިންޖީނުން ފަސް އިންސައްތައިގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނެފައިވަނީ ކަސްޓަމަރުން ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް އެ ކުންފުންޏާއި އެމްއައިބީ އާ ގުޅިގެން ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެގޮތުން މީޑިއާ އާއި މީސް މީޑިއާގެ ޕްލެޓްފޯމްތަކާއި އޮޑިވެރިންނާއި އޮޑިދޯނިފަހަރު ބަންނަ ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވައިގެން ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ މަގުސަދަކީ އިންޖީނު ފައިނޭންސްކުރުމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމާއި މަސްވެރިންނާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މޫދު ކުޅިވަރު ފަދަ ހަރަކާތްތަކުގައި ޝާމިލުވެ އުޅޭ ފަރާތްތަކުން އިންޖީނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމުގައެވެ.
އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އެކަށީގެންވާ ފެންވަރާއި އަގުގައި މުދާ ފޯރުކޮށްދިނުން ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް އެ ކުންފުނިން އަބަދުވެސް އަންނަނީ ރާވާ ހިންގަމުންނެވެ.