ރ. ހުޅުދުއްފާރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރިޖް އެޅީ 190 މިލިއަން ޑޮލަރަށް ކަމަށާއި އެ ބްރިޖު ފެންނަން އޮތްއިރު މި ސަރުކާރުން 700 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އޭގެތެރެއިން 190 މިލިއަން ޑޮލަރު ހޭދަކުރިއިރު ވެސް އެ ބްރިޖަށް ވީގޮތެއް ނޭނގޭ ކަމަށެވެ.
އެހާ ބޮޑު ހަރަދެއް ކޮށްގެން ހަދާ ބްރިޖުގެ އެންމެ ތަނބެއް ވެސް އަދި ޖަހާ ނުލެވޭ ކަމަށާއި މިދިޔަ ޖުލައި މަހު އެ ބްރިޖުން ދަތުރުފަތުރުކުރެވޭނެ ކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބާއްވާ އެކި ޖަލްސާތަކުގައި މީގެ ކުރިން ވެސް މުއިއްޒު ވަނީ ތިލަމާލެ ބްރިޖު މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ބްރިޖު މަތިން ޖުލައި މަހުގެ ތެރޭގައި މާލެއާ ވިލިނގިއްޔާއި ދެމެދު ދުއްވޭނެ ކަމަށް މި ސަރުކާރުން ވައުދުވި ކަމަށާއި ނަމަވެސް އަދިވެސް ދުއްވެނީ ފެރީގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ދެވަނަ ދައުރަކަށް ވޯޓު ހޯދަން އަންނައިރު މިއީ ރައްޔިތުން ކުރަންޖެހޭ ސުވާލުތައް ކަމަށާއި މި ސަރުކާރުން ނަގާ ދަރަނިތަކަކީ ހުރިހާ ދިވެހިންގެ ބޮލުގައި އެޅޭ ދަރަނި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ގްރޭޓަރ ސަރަޙައްދަށް ބޮޑު ބަދަލެއް އިޤްތިސާދީގޮތުންވެސް އަދި ޢުމްރަނީގޮތުންވެސް ގެނައުވާނެ މިމަޝްރޫޢު އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ. އަދި ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ 2024 ހުގެ ނިޔަލަށެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، ޖުމްލަ 6.7 ކިލޯމީޓަރުގެ މި ބްރިޖު ތަރައްޤީކުރުމަށް 500 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ތިލަމާލެ ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ ގުޅީފަޅާއި ތިލަފުށީ ސިނާއީ ހަބުތަކަށް ބަދަލުވަމުން އަންނައިރު، މި ސަރަޙައްދަށް ބޭނުންވާ އިޤްތިސާދީ ކުރިއެރުމަށް އެހީވުމެވެ.