
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑެންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ މި ފުޓްސަލް ފިއެސްޓާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމު ދޭ ހުރިހާ މުއައްސަސާއެއް އެއްތަނަކަށް އެއްކޮށް ބާއްވާ ކުލަގަދަ މުބާރާތެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނެފައިވަނީ މި މުބާރާތުގެ މަގުސަދަކީ ޔުނިވާސިޓީން ބޭރުގައި ޓީމްވޯކް ދަސްކޮށް، ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދީ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހަށް ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އެކި ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ފިރިހެން އަދި އަންހެން ޑިވިޝަންގެ 30 އަށް ވުރެ ގިނަ ޓީމު ބައިވެރިވާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުންދެމުން ކަމަށް އެ ކުންފުނިން ބުނެއެވެ.