ads
ކޯގަންނު ގަބުރުސްތާނަށް ގެއްލުންދީފައި. ފޮޓޯ: ސޯޝަލް މީޑިއާ
އައްޑޫ ސިޓީގެ ކޯގަންނު ގަބުރުސްތާނަށް ބަޔަކު ގެއްލުންތަކެއް ދީފި
އައްޑޫ ސިޓީގެ ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަކަކަށް ބަޔަކު ގެއްލުންތަކެއް ދީފިއެވެ.
Advertisement

ސީއެންއެމް އަށް ލިބިފައިވާ ފޮޓޯ އިން ފެންނަ ގޮތުން، ކޯގަންނު ގަބުރުސްތާނުގައި ހުރި ދެމަހާނައެއްގެ މަހާނަ ގާތަކެއް ވަނީ ތަޅާލާފައެވެ. މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ މީހަކު ސީއެންއެމްއާއި ވާހަކަ ދައްކަމުން ބުނެފައިވަނީ، ކޯގަންނު ގަބުރުސްތާނަށް ބަޔަކު ގެއްލުންތަކެއް ދީފައިވާތަން ފެނުނީ މިއަދުގެ ހުކުރުނަމާދަށް ފަހު ކަމަށާއި، ބެލެވޭގޮތުން ގެއްލުންތައް ދީފައިވަނީ ހުކުރު ނަމާދުވަގުތުގައި ކަމަށެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ހެރިޓޭޖްގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވީ، ކޯގަންނު ގަބުރުސްތާނަށް ގެއްލުންތަކެއް ދީފައިވާ ކަމުގެ ރިޕޯޓެއް މިއަދު މެންދުރުފަހު ނޭޝަނަލް ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖަށް ލިބިފައިވާ ކަމަށާއި، އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ބެލުންތައް، އެ ސެންޓަރުގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް، ގަބުރުސްތާނަށް ގެއްލުންދިނީ ކޮންބައެއްކަން ދެނެގަނެވިފައިވާ ނުވާ ކަމަށްވެސް ނާއިލް ވިދާޅުވިއެވެ.

"ކޯގަންނު ގަބުރުސްތާނަށް ގެއްލުންތަކެއް ދީފައިވާ ކަމުގެ ރިޕޯޓެއް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ވަނީ ލިބިފައި. މިކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން، އެންސީސީއެޗް (ނޭޝަނަލް ސެންޓަރ ފޯ ކަލްޗަރަލް ހެރިޓޭޖް)ގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން މިއަންނަނީ ބަލަމުން. މިކަަހަލަ ކަންކަމުގަ އަމަލު ކުރާ އުސޫލަކީ، ސަގާފީ ތަރިކައަކަށް ބަޔަކު ގެއްލުންތަކެއް ދީފި ނަމަ، އެކަމެއް ހިނގައިދިޔަ ރަށެއް ނުވަތަ ސިޓީ ކައުންސިލް އާއި ގުޅިގެން، އެކަމެއް ހިނގައިދިޔައީ ކިހިނެއްތޯ ބަލާ، މައުލޫމާތު އެއްކޮށް، ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާނީ. އެއީ ހިމާޔަތްކޮށްފައިވާ ސަގާފީ ތަރިކައަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ވާތީވެ." ސީއެންއެމްއާއި ވާހަކަ ދައްކަވަމުން ނާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން، އައްޑޫ ކޯގަންނު ގަބުރުސްތާނަކީ، އައްޑޫ ސިިޓީ ކައުންސިލް އިން ސެކިއުރިޓީ ބަލަހައްޓާ ތަނަކަށް ވުމާއެކު، ބަޔަކު ވަދެ އެތަނަށް ގެއްލުންދެވުނީ ކިހިނެއްތޯ ބައްލަވާނެކަމަށްވެސް ނާއިލް ވިދާޅުވިއެވެ. 

އައްޑޫ ސިޓީގެ މީދޫއިން ސީއެންއެމްއާއި ވާހަކަދެއްކެވި ފަރާތުން ބުނެފައިވަނީ، އެތަނަށް ބަޔަކު ވަދެ ގެއްލުންތަކެއް ދިންކަމަށް ބެލެވޭއިރު، މިއަދުގެ ހުކުރުގަޑީގައި، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން އެއްވެސްފަރާތަކުން ނެތްކަމަށެވެ. 

މިކަމާއި ބެހޭގޮތުން އައްޑޫ ސިޓީގެ މޭޔަރު މުހައްމަދު ނިޒާރުގެ ބަހެއް ހޯދާލުމަށް، އެ ފަރާތަށް ސީއެންއެމް އިން ގުޅާިލިނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީވެ، އެފަރާތުގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.

އައްޑޫ ކޯގަންނު ގަބުރުސްތާނަކީ ވޯލްޑް މޮނިއުމަންޓް ވޮޗް ލިސްޓްގައި ހިމެނިފައިވާ ތަނެކެވެ. އެ ލިސްޓުގައި ކޯގަންނު ޤަބުރުސްތާނު ހިމެނުނީ މި އަހަރުގެ ލިސްޓަށް ނޮމިނޭޓްވި 225 ތަނެއްގެ ތެރެއިން ހޮވުނު 25 ތަނުގެ ތެރޭގައި ހިމެނިގެނެވެ. ކޯގަންނު ގަބުރުސްތާނަކީ ބަައިނަލްއަގްވާމީ މި ލިސްޓުގައި ހިމެނުނު ރާއްޖޭގެ ފުރަތަމަ އާސާރީ ބިނާއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް