
އެކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެޕާޓްމެންޓް ގަތް ކަމަށް ބުނާ ބައެއް ފަރާތްތަކުން އެޕާޓްމެންޓް ގަތުމަށް މަމްދޫހާއި އެކު މުއާމަލާތްކޮށްފައި ވަނީ ސީދާ ނަގުދު ފައިސާއިން ކަމަށް ބުނެފައިވާ ކަމަށާއި އަދި އެކަށީގެން ނުވާ ބޮޑެތި އަދަދުތަކުން މި މުއާމަލާތް ކޮށްފައިވާ އިރު، މިކަމުގައި މަނީލޯޑަރިންނާއި ރިސްވަތުގެ މުއާމަލާތް ހިމެނޭ ކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ.
އެކުންފުނީގެ ބަޔާނުގައި މަމްދޫހުގެ މި ހިޔާނާތުގައި މިހާތަނަށް ވެސް ގާތްގަނޑަކަށް 200 މިލިޔަން ރުފިޔާ ގެއްލިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މަމްދޫހް ފޯޖް އެގްރީމެންޓާއި ރަސީދު ހަދައިގެން އެޕާޓްމެންޓް ދީފައިވާ ކަމަށް ބެލެވޭ ފަރާތްތަކަށް މަމްދޫހް ފައިސާ ބަލައިގަތް ކަމަށް ބުނެ ހަސަން މަމްދޫހް ދީފައިވާ ރަސީދެއް ފިޔަވައި އެހާ ގިނަ އަދަދެއްގެ ފައިސާ ނެނގި އެކައުންޓެއްގެ ސްޓޭޓްމެންޓަކާއި ނަނގުދުން ކުރި އެ މުއާމަލާތާއި ބެހޭ އެއްވެސް މައުލޫމާތެއް އެކުންފުންޏާއި ހިއްސާ ކުރުމަށް ވެސް ދެކޮޅު ހަދަމުންދާ ކަމަށް ބުނެފައި ވެއެވެ.
ހަމްބޯ ކުންފުނީގެ ބަޔާންގައި މަމްދޫހް މިހާރުވެސް މިނިވަން ކަމާއި އެކު ދޫކޮށްލާފައިވާތި ކަންބޮޑުވުން ފާހަގަކޮށްފައި ވެއެވެ. އަދި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ތަހްގީގް އަވަސް ކުރުމަށް އެބަޔާން ގައި ގޮވާލާފައި ވެއެވެ.