ads
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް
އިލެކްޓްރިކް ވެހިކަލް ގެންނަން އިންވެސްޓް ކުރާ ފަރާތްތަކަށް އެހީ ދޭނަން: މުއިއްޒު
އިލެކްޓްރިކް ވެހިކަލްތައް ގަންނަން އިންވެސްޓްކުރާ މީހުންނަށް އޭނާގެ ސަރުކާރެއްގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެެވެ.
Advertisement

އަންނަ ހޮނިހިރި ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރާއްޖޭގެ އެކި އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކައިގައި މުއިއްޒު ވަނީ ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އޭނާގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލައްވާފަ އެވެ.

މުއިއްޒު ވިދާޅުވީ ދެމެހެއްޓެނެވި ތަރައްޤީ ރާއްޖެއަށް ގެނެވޭނީ ތިމާވެއްތާ ރައްޓެހި ވެހިކަލްތައް ތައާރަފްކޮށް އެފަދަ ނިޒާމެއް ނުވަތަ ސިސްޓަމެއް ގެނައުމުން ކަމަށެވެ.

"ހުރިހާ ސިޓީތަކަކަށް ފުރަތަމަ އިސްކަން ދީގެން މި ދެންނެވި ގޮތަށް ބެޓްރީ އޮޕަރޭޓެޑް އިލެކްޓްރިކް ވެހިކަލްތަކަށް އިންވެސްޓް ކުރުމުގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި އެހީތެރިކަން ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބައިސްކަލް ދުއްވަން މީހުން ބޮޑަށް ޝައުގުވެރި ކުރުވަން ވެސް އޭނާގެ ސަރުކާރެއްގައި އެކި ކަހަލަ މަޝްރޫއުތަކެއް ހިންގާނެ ކަމަށެވެ. އެގޮތުން އީ ބައިކް ނިޒާމު ރާއްޖެ އަށް ގެނެސް ބައިސްކަލް ދުއްވުމަކީ އަނެއްކާ ވެސް ދިވެހިންގެ މެދުގައި އާދައަކަށް ހެދުމަކީ ކުރިއަށްދާން ވިސްނާއިރު ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

ރާއްޖެއަށް އިލެކްޓްރިކް ވެހިކަލް ގެންނަން ފެށުމާ އެކު، އެ ވެހިކަލްތަކަށް ހާއްސަ ޗާޖިން ސްޓޭޝަންތައް ގާއިމްކުރެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މާހައުލާ ގުޅޭ ގޮތަށް ތަރައްގީ ގެންނަ ވިސްނުން މިހުރީ. ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުން. އެހެންވީމަ މިގޮތަށް ކުރިއަށްދާން ބޭނުންވާ ބޭފުޅުން އަޅުގަނޑަށް ވޯޓު ދެއްވާ އަޅުގަނޑުމެންނަށް އިތުބާރު ކޮށްދެއްވުން އެދެން،" މުއިއްޒު އެދިވަޑައިގެންނެވި އެވެ.

ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި، ރާއްޖެ ތަރައްގީކުރުމަށް ދިގު ރާސްތާއަކަށް ވިސްނައި 20 އަހަރުގެ މާސްޓަޕްލޭނެއް ހައްދަވާނެ ކަމަށެވެ. އެ ޕްލޭންގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީކުރާ އިރު، ކުޅުދުއްފުއްޓަކީ ހާއްސަ އިސްކަމެއް ދީގެން، މައި މަރުކަޒެއްގެ ގޮތުގައި ތަރަައްގީކުރާނެ ތަނެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް 2،000 ހައުސިން ޔުނިޓް އަޅައިދިނުމަށް އޭނާ ރޭ ވައުދުވެވަޑައިގެންނެވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަން ނިމޭއިރު ކުޅުދުއްފުށިން ގެދޮރު ނުލިބޭ އެކަކު ވެސް ނުހުންނާނެ އެވެ. 

އިދިކޮޅު ޕީޕީއެމް-ޕީއެންސީގައި ހުންނާނީ ކުރިއަށް ދިޔުމުގެ ވިސްނުމާއި ދިވެހިންގެ މާހައުލާއި ގުޅޭ ގޮތަށް ތަރައްގީ ގެނައުމުގެ ވިސްނުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މިގޮތަށް ކުރިއަށްދާން ބޭނުންވާނަމަ އޭނާ އަށް ވޯޓު ދެއްވުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް