ads
ރައީސް ނަޝީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާގެ ބާބަށް ގެންނަންޖެހޭ އިސްލާހުތައް ވަނީ ޑްރާފްޓްކުރެވިފައި: ނަޝީދު
ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ބާބަށް ގެންނަންޖެހޭ އިސްލާހުތައް މިހާރު ވަނީ ޑްރާފްޓްކުރެވިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސީއެންއެމް އިން ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމާއި ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ހަމައެކަނި ނެގުމަކުން އަދި ނުނިމޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ރައްޔިތުން ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަކަމަށް ވޯޓު ދެއްވައިފިނަމަ، ގާނޫނު އަސާސީއަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ.

އެގޮތުން މިހާރު އަމަލުކުރެވުމުންދާ ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތީ ރިޔާސީ ނިޒާމެއް ކަމަށްވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ބާބަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ މަސައްކަތްތައް މިހާރުވެސް ފެށިފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ގާނޫނުއަސާސީގެ 115 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް މިހާރު ވަނީ ޑްރާފްޓް ކުރެވިފައި. އެ އިސްލާހުތައް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާ ނިމުމާއެކު، މަޖިލީހަށް ހުށަހެށިގެންދާނެ. ނިޒާމު ބަދަލުކުރުމާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ ކަންތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އެހެންނަމަވެސް އެއްމެ ފުރަތަމަ ކުރަންޖެހޭ ކަމަކަށް އޮންނާނީ ރައްޔިތުންގެ ފެންނަނަ ނުފެންނަ ވޯޓެއް ނެގުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ސީއެންއެމްގެ އިތުރު ސުވާލަކަށް ޖަވާނު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ވަޒީރުން ޖަވާބުދާރީ ކުރުވުމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށާއި، ސަބަބަކީ ވަޒީރުން އަބަދުވެސް ތިއްބަވާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަމަށްވުމެވެ. އެހެންކަމަށްވުމާއެކު، މެމްބަރަކަށް އެމެމްބަރަކު ބޭނުން ސުވާލެއް އަބަދުވެސް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިހާރު މިއޮތް ރިޔާސީ ނިޒާމުގައި ވަޒީރުންގެ މަޖިލީހުގެ ބޭފުޅަކާއި ސުވާލެއް ކޮށްލަންވެއްޖެ ހިނދެއްގައި، އެބޭފުޅުންނަށް އެބަޖެހޭ 14 ދުވަހުގެ ކުރިން ސިޓީއަކުން އެސުވާލެއް ފޮނުވަން. އަދި އެބޭފުޅުން ޖަވާބުދެއްވުންވެސް މިއޮންނަނީ ސިޓީ ފޮނުވާތާ 14 ދުވަސް ފަހުން، އެބޭފުޅުންނަށް ވަގުތު ވެއްޖެނަމަ. ބަރުލަމާނީ ނިޒާމެއްގަ، ވަޒީރުބޭފުޅުން ތިއްބަވާނީ މަޖިލީހުގަ. އެހެންވީމާ އަބަދުވެސް ސުވާލުކޮށް، ސަރުކާރު ޖަވާބުދާރީ ކުރެވޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ބަރުލަމާނީ ނިޒާމެއްގައި އެއްމެ ރަގަޅު އެއްސިފައަކީ، ވެރިކަން ބަދަލުކުރުމަށް ބަގާވާތް ކުރަން ނުޖެހުންކަމަށާއި، ބަގަވާތެއް ކުރަން ވެއްޖެނަމަ، އޭގެ ތެރެއަށް ސިފައިންނާއި ފުލުހުން ވައްދާ، މުޅި ގައުމު ހުއްޓުމަކަށް އަންނަކަމަށާއި، އެހެންނަމަވެސް ބަރުލަމާނީ ނިޒާމެއްގައި އެފުރުސަތު ނުލިބޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް