ads
ސޯޝަލް މީޑިއާގައި އަކްރަމް ހިއްސާކުރެއްވި އުތުރު ތިލަފަޅުގެ ޗާޓު - ފޮޓޯ:އަކްރަމް ކަމާލުއްދީން
އުތުރު ތިލަފަޅުގެ ބިންވެރިޔާ ޗާޓެއް އަކްރަމް އާންމުކުރައްވައިފި
ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ދެވަނަ ފިޔަވަހި ބަންޑާރަ ގޯތި ދޫކުރާ ސަރަހައްދުގެ ޗާޓެއް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާންމުކުރައްވައިފިއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން އެކަށައަޅާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހިން ގޯއްޗާއި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އުތުރުތިލަފަޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

"ގެދޮރުވެރިން" މި ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމަށް އަދި "ގެދޮރުވެރިޔާ" ސްކީމުން ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމަށް ނިންމެވި ނިންމެވުމާ ގުޅިގެން، ބިން ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރު އުތުރު ފަޅު ނުވަތަ އުތުރު ތިލަފަޅުގެ ޗާޓެއް އަކްރަމް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

އަކްރަމް ހިއްސާކުރެއްވި ޗާޓުގައި ވާގޮތުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ 215 ހެކްޓަރުގެ ބިމުންނެވެ. އަދި މި ޕްރޮގްރާމް އިއުލާންކޮށް ގެޒެޓްގައިވާ އިއުލާނުގައިވާ ގޮތުން މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5،525،000 އަކަފޫޓެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ ދަށުން ބިން ދޭ ނިންމާފައިވަނީ މާލޭގައި މަދުވެގެން 20 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށެވެ. އަދި ބިމުގެ ބޮޑު މިނަކީ ކުރިމަތިލީ އެއް ފަރާތްތަކުން ނަމަ 1250 އަކަ ފޫޓެވެ. އަދި އިތުރުވާ ކޮންމެ ކޯ އެޕްލިކެންޓަކަށް 400 އަކަފޫޓު އިތުރުވެއެވެ.

ބިންވެރިޔާ ސްކީމަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ކުރިއަށް ގެންދެވޭ މުހިންމު ސްކީމެކެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް