ads
ނައިބު ރައީސް ފައިސަލް ނަސީމް: ވިދާޅުވީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރަން އުރީދޫން އަންނަނީ ސަރުކާރާ އެކު މަސައްކަތް ކުރަމުން ކަމަށް - ފޮޓޯ:ރައީސް އޮފީސް
"ޑިޖިޓަލް ރާއްޖެއަކަށް އުރީދޫން އަންނަނީ ސަރުކާރާ އެކު މަސައްކަތް ކުރަމުން"
ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި އެޅޭ ކޮންމެ ފިޔަވަޅެއްގައި އުރީދޫ މޯލްޑިވްސްއިން އަންނަނީ ސަރުކާރާ އެކުގައި މަސައްކަތް ކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ޑިޖިޓަލް އިގުތިސޯދު ބިނާކުރުމުގައި ކުރެވެމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ސަރުކާރުގެ ހިދުމަތްތަކަށް ތައާރަފުކޮށްފައިވާ "ވަންގަވް" އަދި "އީ-ފާސް" އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ހުޅުމާލެ އާ ގުޅާލެވިފައިވުމަކީ ރާއްޖެ ޓެކްނޮލޮޖީގެ ހަބަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކާ އެކު ހަލުވި، ބްރޯޑްބޭންޑް އިންޓަނެޓާއި މޮބައިލް އިންޓަނެޓް މިހާރު އެންމެނަށް އަތްފޯރާ ހެޔޮއަގުގައި ލިބެމުންދާކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެ ތަރައްގީ ކުރުމުގައި ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށާއި އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމުގައި އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސްއިން ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމުންނެވެ.

މި ރަސްމިއްޔާތުގައި އުރީދޫން ވަނީ ނައިބު ރައީސްއަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގެ މޮޑެލްއެއް ވެދުމަށް އަރުވާފައެވެ.

ހުޅުމާލޭގައި އުރީދޫ މޯލްޑިވްސްއިން ބިނާކުރި އެ ކުންފުނީގެ އޮފީސް އިމާރާތަކީ އެންމެ ޒަމާނީ އޮފީސް އިމާރާތެކެވެ. މި އިމާރާތް ފަރުމާކޮށްފައި ވަނީ ޒަމާނީ ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުވައްޒަފުންނަށް އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް އެކަށީގެންވާގޮތަށް ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ލިބިދެވޭނެ ގޮތަށެވެ. މިގޮތުން މުވައްޒަފުންނަށް މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ޖިމާއި ކުޑަކުދިންނަށް ހާއްސަ އޭރިއާއެއް މި އިމާރާތުގައި ހުރެއެވެ. އަދި ތިމާވެއްޓާއި ރައްޓެހި ގޮތަށް ބިނާކޮށްފައިވާ މި އިމާރާތަކީ، ގުދުރަތީ ވައި ދައުރުވާނެ ގޮތަށާއި އިއާދަކުރަނިވި ހަކަތަ އާއި ވާރޭފެން ރައްކާކޮށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އިމާރާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް