
ސީއެންއެމް އެކްސްކްލޫސިވް އަށް ދެއްވި ބަސްދީގަތުމެއްގައި، ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ކޮންމެ މުއައްސަސާއެއް، އެއީ ދައުލަތުގެ މީޑިއާ ކަމަށް ވީނަމަވެސް، އެތަނުގައި ކޮރަޕްޝަންއަށް ތުހުމަތުކުރެވޭ އަމަލެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝައްކުކުރެވޭނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ހުށަހަޅުއްވައިގެން އެމައްސަލައެއް ބައްލަވާނެކަމަށެވެ.
އަދި އޭސީސީއަށް ހުށަހެޅޭ އެފަދަ މައްސަލަތައް ތަހުގީގު ކުރެއްވުމުގައި އެ މުއައްސަސާއަށް ފުރިހަމަ އިހްތިޔާރު ދެއްވާނެކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން އޭސީސީ އާއި ދައުލަތުގެ މީޑިއާ ފަދަ ތަންތަން އަދި ސަރުކާރުގެ އެހެން އޮފީސްތައް ހިންގުމަށް ވެސް ބޭނުންވާ ފަރާތްތައް ކަނޑައެޅުމުގައި ބައްލަވާނީ ސިޔާސީ ގުޅުމަށް ވުރެ ބޮޑަށް އެފަރާތެއްގެ މެރިޓަށް ނުވަތަ ސީވީއަށް ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާގެ މިހާރުގެ ހާލަތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ދައުލަތުގެ މީޑިއާ ވަރަށް ބޮޑަށް "ރިފޯމް" ކުރަންޖެހޭ ކަމަށާއި، އެތަނުގެ ވެރިން އެތަނުގެ މުވައްޒިފުންނަށްވެސް އަޅާނުލާ ކަމަށެވެ. މުވައްޒިފުން މިހާރު ވަނީ ތަފާތުކުރެވި ބާކީ ކުރެވިފައި ކަމަށާއި، އެއީ ސިޔާސީ ނުފޫޒް އޭގެތެރެއަށް ވަނުމުން ދިމާވާ ކަންތައް ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި ދައުލަތުގެ މީޑިއާ ވާނީ ދައުލަތުގެ މީޑިއާއަށް ކަމަށާއި، އެއީ ރައީސް އޮފީހުގެ މީޑިއާއަކަށް ނުވާނެކަމަށް ވިދާޅުވަމުން ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވެރިންނަށް ދައުލަތުގެ މީޑިއާއިން ފުރުސަތު ލިބޭ އުސޫލުން އިދިކޮޅު ސިޔާސީ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ދައުލަތުގެ މީޑިއާ ހަރުދަނާކުރުމަށް ކަމަށް ބުނެ 2019 ވަނަ އަހަރު ޕީއެސްއެމްގެ މެނޭޖިންގް ޑައިރެކްޓަރަކަށް ހުންނެވި އަލީ ހާލިދު ވަނީ "ރީސްޓްރަކްޗާކުރުމުގެ" ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ބުނެ އިންޓަވިއުއެއް ދެއްވާފައެވެ. އަދި ދައުލަތުން އަހަރެއްގެ މައްޗަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ޕީއެސްއެމްގެ އަސްލު ކެޕޭސިޓީ އަކީ 350-400 މުވައްޒިފުން ލައިގެން ހިންގުން ކަމަށްވާއިރު، 2018 ވަނައަހަރު ވެރިކަން ބަދަލުވެގެން ދިޔައިރު 480 އަށް ވުރެ ގިނަ މުވައްޒިފުން ޕީއެސްއެމްގައި މަސައްކަތްކުރަމުންދާ ކަމަށްވެސް އަލީ ހާލިދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމުގެ ދައުރު ނިމެންދާއިރު ވެސް ޕީއެސްއެމް ޕޭ ރޯލް އޮތީ 2018 ވަނަ އަހަރުވެސް އޮތް ހާލަތުގައި އެވެ.
އަދި ފާއިތުވެގެން ދިޔަ އަހަރު ތަކުގައި، ދައުލަތުގެ މީޑިއާގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތެއް ފެންމަތިވެ، ބައެއް ކުންފުނިތަކުން ހިދުމަތް ހޯދުމަށްފަހު ދައްކަންޖެހޭ ފައިސާ ނުދެއްކި، އެމައްސަލަތައް ކޯޓަށްވެސް ހުށަހަޅާފައި ވެއެވެ. މީގެ ތެރެއިން އެއްމައްސަލައެއްގައި ޕީއެސްއެމްގެ އެއްވެސް ފައިސާގެ މުއާމަލާތެއް ހިންގުން މަނާކޮށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާކަންވެސް ފާހަގަކުރެވެއެވެ. އަދި މުވައްޒިފުން ހަޅުތާލުކޮށް، ޕީއެސްއެމްގެ ހިންގުމުގެ މަސައްކަތް ހުއްޓިގެން ދިޔަކަމަށްވެސް ބައެއް މީޑިއާތަކުން މި ފަހުން ވަނީ ރިޕޯޓްކޮށްފައިއެވެ.
މީގެ އިތުރުން މިހާރުގެ އިދިކޮޅުފަރާތްތަކުން، އެފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ، ޕީއެސްއެމްގެ ވެރިންނާއި ބައްދަލުކުރުމަށް، ޕީއެސްއެމްއަށް ވަޑައިގެންނެވި ނަމަވެސް، އެއްވެސް ވެރިއަކާއި ބައްދަލުކުރެވޭނެ ގޮތެއް ނުވިކަމަށް އެފަރާތްތަކުން ފާހަގަކުރައްވައިފައިވެއެވެ. އިންތިހާބު އޮބްޒާވްކުރި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން އަދި ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ވެސް ވަނީ ޕީއެސްއެމް އިން "ހަމަ ފުރުސަތު" ކެންޑިޑޭޓުންނަށް ނުދޭކަން ފާހަގަކޮށްފަ އެވެ.