
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވަނީ ދިވެހިރާއްޖެ އިން މީހުން އުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ 9 ވަނަ މާއްދާގެ ރ ގައި، ޢުމްރާއަށް މީހުން ގެންދިޔުމަށް ކޮންމެ މީލާދީ އަހަރަކު 2 ފަހަރު އިއުލާން ކުރަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މިއީ މި އަހަރުތެރޭ އިޢުލާން ކުރެވޭ 2 ވަނަ ފަހަރު ކަމަށެވެ.
އަދި މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު މަހުގެ 24 ވަނަދުވަހުގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުމަށްވެސް އެމިނިސްޓްރީ އިން އެދިފައިވެއެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ، އުމްރާއަށް މީހުން ގެންދިޔުމަށް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ދެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ހުއްދައަށް ހުޅުވާލުމާއެކު މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކަށް ވެސް މިކަމަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ވެސް ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ. މީގެ އިތުރުން ޝަރުތު ހަމަވާ ކުންފުނިތަކަށް ދެވޭ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަސްކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެއެވެ.
އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެކަމަށް އެ މިނިސްޓްރީ އިން ބުނެފައިވާއިރު ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 08 ވަނަ ދުވަހުން ފެށިގެން 24 ވަނަދުވަހުގެ ނިޔަލަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެއެވެ.