ads
އެމްއެސްއެސް އޯޕަލްގެ ކެރޭނުތައް ޓެސްޓްކުރަނީ: އެ ބޯޓުގައި އައްޑޫއަށް މުދާ އުފުލުމަށް އެ ކުންފުނިން ވަނީ ތައްޔާރުވެފައި - ފޮޓޯ:އެމްއެސްއެސް
އެމްއެސްއެސްއިން ކޮންޓެއިނަރު ބޯޓުގަ އައްޑޫއަށް މުދާ އުފުލުމަށް ތައްޔާރުވެއްޖެ
އައްޑޫ ސިޓީއަށް ބައިނަލްއަގުވާމީ ބަނދަރުތަކުން މުދާ އެތެރެކުރުން މަގުފަހިކޮށްދިނުމަށް ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަތް ކޮންޓެއިނަރު އުފުލާ ބޯޓު ރާއްޖެ ގެނެސްފިއެވެ.
Advertisement

އެމްއެސްއެސް އޯޕަލްއަކީ 20 ރީފާ ކޮންޓެއިނަރު ހިމެނޭހެން ޖުމްލަ 106 ކޮންޓެއިނަރާ އަދި ސިމެންތި އާއި ވެލި ފަދަ ސާމާނު އުފުލުމަށް ދެ ފަލްކާ ހުރި ބޯޓެކެވެ. ބޯޓުގެ ދިގުމިނުގައި 67.2 މީޓަރު ހުންނައިރު، ބޯޓުގައި ކްރޭނެއް ހުރެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވީ ބޭރު ގައުމުތަކުން މާލޭ ކޮމާޝަލް ބަނދަރަށް ގެންނަ މުދާތައް އައްޑޫއަށް ގެންދިއުމަށް މި ދަތުރުތަކާ އެކު މަގުފަހިވާނެ ކަމަށެވެ. އަންނަ ހަފުތާގައި މި ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު އައްޑޫއިން މިހާރުވެސް އޯޑަރުތައް ލިބިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް މި ދަތުރުތަކާ އެކު ހުޅުވިގެން ދަނީ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި މީގެކުރިން ބޮޑު ހޭދައެއްކޮށްގެން ގެންދާ ކޮންޓެއިނަރު ކުޑަކުޑަ އަގެއްގައި އައްޑޫއަށް ގެންދެވޭނެ ކަމަށެވެ.

ބޯޓު ދަތުރު ކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ އަދި މާލެ ރޫޓުން ކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މި ރޫޓުގެ ކާމިޔާބީއަށް ބެލުމަށްފަހު ކުރިމަގުގައި ކުޅުދުއްފުއްޓަށް ދަތުރުތައް ކުރުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ކުޅުދުއްފުއްޓަށާއި އައްޑޫ އާއި މިފްކޯގެ ފެލިވަރު ބަނދަރު ފަދަ ތަންތަނަށް ދަތުރުތައް ކުރުމަށް ވިސްނާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މާލޭން މުދާ ގަނެގެން އައްޑޫއަށް ކޮންޓެއިނަރުގައި ގެންދިއުމުގެ އިންތިޒާމް ވިޔަފާރިވެރިންނަށް ހަމަޖެހޭނެ ކަމުގައެވެ.

އެމްއެސްއެސްއިން ވަނީ އިންޑިއާގެ ޓުޓްކޮރިންއިން އައްޑޫ ސިޓީއަށް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދަތުރުތައް ފަށާފައެވެ. އެހެންނަމަވެސް އެކަމަށް ބޭނުން ކުރަމުން ދިޔަ ބޯޓާ އެކަށީގެންވާ ވަރަށް މުދާ ނުލިބުމުގެ ސަބަބުން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް