
ރައީސުލްޖުމްހޫރިއްޔާއަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަތްކެއް ނުކުރެވޭނެ ކަމަށާއި، އަދި ސަރުކާރުގެ ދައުރު ނިމުނަސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު ނިމުމަކަށް ނާންނާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހުގެ ނިއުސް ލެޓަރ "އުންސުރު"ގެ އެންމެ ފަހު އަދަދުގައި ލިޔުއްވި އާޓިކަލްއެއްގައެވެ. މި އަދަދު އަންގާރަ ދުވަހުވަނީ ޕަބްލިޝް ކޮށްފައެވެ.
މި އާޓިކަލްގައި ޝަމީމް ވިދާޅުވީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ސަރުކާރުގެ އިދާރާއެއް ނޫން ކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ސަރުކާރާ ދެމެދު އޮންނަ ދެ ގުޅުމަކީ، ބަޖެޓާއި މާލީ ކަންކަން ހަމަޖައްސައިދިނުމާއި ޕީޖީ އަމަލު ކުރަން ޖެހޭ އާންމު ސިޔާސަތުތައް ކަނޑައެޅުން ކަމަށް ޝަމީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ރިޔާސީ ދައުރު ނިމުމާ ގާތްވެފައިވާއިރު، ސިޔާސީ ފަރާތްތަކުގެ ނުރުހުން އަމާޒުވެފައިވާ އެއް ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، ޝަމީމު އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މިހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އޭނާ މަޖިލީހުން ދުރުކުރަންދެން ނުވަތަ އެ މަގަމުގެ މުއްދަތު ކަމުގައިވާ ފަސް އަހަރު ހަމަވަންދެން އޭނާ މަގާމުގަ ދެމިހުންނަވާނެއެވެ.