
އެމްއޭސީއެލުން ނެރުނު ސާކިއުލާއެއްގަ ބުނީ މި އެލަވަންސް ދިނުމަށް ނިންމާފައިވަނީ އެއާސައިޑްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ. އެފަދަ މުވައްޒަފުންނަށް ހާއްސަ ރިސްކް އެލަވަންސެއް ދިނުމަށް ނިންމީ އެއާސައިޑްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރިސްކް ނުވަތަ ކުރާ މަސައްކަތުގެ ގޮތުން އަނިޔާއެއް ލިބުމުގެ ފުރުސަތު ހިމެނޭ މަސައްކަތްތަކެއް ކުރާ މުވައްޒަފުންނަށް ވާތީ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
މި އެލަވަންސްއަކީ މުވައްޒަފުން ކުރާ މަސައްކަތުގެ ބާވަތާއި އެކަމުގައި ހިމެނޭ ރިސްކް ކެޓަގަރައިޒް ކުރުމަށްފަހު، މަސައްކަތް ކުރާ ދުވަހަށް ދެވޭ އެލަވަންސްއެކެވެ. އެމްއޭސީއެލުން ބުނެފައިވަނީ މި އުސޫލުގެ މަތިން މި އެލަވަންސް، އަންނަ މަހުން ފެށިގެން އެއާސައިޑްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭނެ ކަމަށެވެ. މި އެލަވަންސްގެ ރިސްކް ކެޓަގަރީތަކާއި އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ރޭޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް އަންގާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭވިއޭޝަން ދާއިރާގެ އެކި ރޮނގުތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މުސާރައިގެ އޮނިގަނޑު ރިވިއުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ވައިގެ ދަތުރުފަތުރު ކުރުމުގެ ދާއިރާއަކީ ވަރަށް މުހިންމު ދާއިރާއެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި ގޮތުގައި ޕައިލެޓުންނާއި އިންޖިނިއަރުންނާއި ކުރޫންގެ އިތުރުން އެހެނިހެން މުވައްޒަފުން ހިމެނޭހެން މުސާރަ ބޮޑުކުރެއްވުމަށް ނިންމަވާފައިވާ ކަމުގައެވެ. މި ހެޔޮ ބަދަލު ވަރަށް އަވަހަށް ފެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.