ads
ރައްޔިތުން ގާތަށް ޕްރޮގްރާމުގައި ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ދެކޮޅަށް ދެއްކޭނެ އޯޑިއޯ އެއް، ވީޑިއޯ އެއް ނޯންނާނެ ކަމަށް - ފޮޓޯ:ޕީޕީއެމް
އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އޯޑިއޯ އެއް، ވީޑިއޯ އެއް ނޯންނާނެ: ޑރ. މުއިއްޒު
އެއްވެސް ފަރާތަކުން ކުރާ ތުހުމަތަކަށް ހާސްވެވަޑައިނުގަންނަވާ ކަމަށާއި އޭނާ އާ ދެކޮޅަށް ދެއްކޭނެ އޯޑިއޯ އެއް، ވީޑިއޯ އެއް ނޯންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިންގައި ރަސްރަނި ބަގީޗާގައި ރޭ ބޭއްވި "ރައްޔިތުން ގާތަށް" ޕްރޮގްރާމްގައި އޭނާ އާ މެދު ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ޑރ. މުއިއްޒު ވިދާޅުވީ ތެދު ބަހުން މެނުވީ އެއްވެސް ވާހަކައެއް ނުދައްކަވާނެ ކަމަށެވެ. މާޒީގައި އެކަން ފެންނަން އޮންނާނެކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކުން ކުރާ ތުހުމަތަކަށް ހާސްވެވަޑައިނުގަންނަވާ ކަމަށެވެ.

"އެހެން މީހުން ވެއްޓޭ ދަށު ދަރަޖައަށް އަޅުގަނޑު ވެއްޓެން ޖެހޭނެ ކަމަކަށް ނުދެކެން. އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އޯޑިއޯ އެއް، ވީޑިއޯ އެއް ނޯންނާނެ،" ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ދޮންމަންމާފުޅާ، ގުޅުވައިގެން, ޑޮކިއުމަންޓްރީއެއް ހަދައި އާންމުކޮށްފައިވާއިރު މި ސަރުކާރުން ދީފައިވާ ގޯތިތައް އަތުލައްވާނެ ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކެއްގެ އޯޑިއޯވެސް މިފަހުން ވަނީ އާންމުވެފައެވެ. އޭގެ އިތުރުން މިވަގުތު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދު ﷲ ޔާމީން މިނިވަން ނުކުރައްވާނެ ކަމަށް ވިދާޅުވެ، ވާހަކަފުޅުދައްކަވާ އޯޑިއޯއެއް އާންމުކޮށްފައިވެއެވެ. 

އެފަދަ އަމަލުތަކަކީ ޑރ. މުއިއްޒަށް އޮތް ތާއީދު ކުޑަކުރުމަށް ވާދަވެރިން ހިންގާ އެންޓި ކެމްޕެއިންގެ އަމަލެއް ކަމަށް ޕީޕީއެމުން ބުނި ނަމަވެސް، އެކަންކަމާ ގުޅޭގޮތުން ސީދާ ރައްދެއް އޭނާ މިހާތަނަށް ދެއްވާފައެއް ނުވެއެވެ.

ހުޅުމާލޭން ގޯތި ލިބުނު މީހުންގެ އަތުން ގޯތިތައް އަތުލައި، ތިން މަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވާ އޯޑިއޯ އާ ބެހޭގޮތުން ކުރި ސުވާލަށް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެ އޯޑިއޯ ލިބިވަޑައިގެންނެވި ކަމަށާއި ފަތުރަމުންދާ އޯޑިއޯއަކީ ބަޔަކު ހަދާފައިވާ އެއްޗެއް ކަމަށެވެ.

ރައީސް ޔާމީނަށް އޭނާގެ ލޯޔަލްޓީ މާޒީގައި ފެންނަން އޮންނާނެކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ކުރަމުންދާ މަސައްކަތުގައި އޭނާ ކުރިއަށް ދާނީ ރައީސް ޔާމީންގެ އަރިހުން ދަސްވެފައިވާ ގޮތަށް ބާރު ދުވެލީގައި ގައުމުގެ ކަންކަން ކުރެވޭ ގޮތަށް ކަމުގައެވެ. ވެރިކަމާ ހަވާލުވާ އެންމެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެތައް ގޮތަކަށް މި ސަރުކާރުގައި އެދިފައިވާނެ. ވެރިކަން ހަވާލުކޮށްފިނަމަ ފުރަތަމަ ދުވަހު ޔަގީނުންވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭނަން. އަޅުގަނޑު ހުވާކުރާ ދުވަހަކީ ޖުޑީޝަރީއަށް ސަރުކާރުގެ ނުފޫޒު ފޯރުވުން ނިމުމަކަށް އަންނާނެ ދުވަސް،" ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު

ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އެ ހުންނަވަނީ ނުހައްގު ހުކުމެއްގައި ސަރުކާރުން ނުފޫޒު ފޯރުވުމުގެ ސަބަބުން ކަމަށެވެ. އެ ނުފޫޒު ފޯރުވުން ނިމުމަކަށް އައުމުން ރައީސް ޔާމީން މިނިވަންވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ޑރ. މުއިއްޒު ވަނީ ތަކުރާރު ކުރައްވާފައެވެ.

ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އޭނާ ގާއިމުކުރާ ސަރުކާރެއްގައި އަނިޔާވެރިކަމެއް ނޯންނާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން އަނިޔާވެރި ހަމަލާއަށް އިންސާފު ހޯދައިދޭނީ އޭނާގެ ވެރިކަމުގައި ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށްވެސް ޖަލުގައި ދެނީ އަނިޔާ ކަމަށާއި އެ އަނިޔާވެރިކަމަށް ނިމުމެއް ގެންނަވާނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް