
އައިސީސީ ޓީޓުވެންޓީ ވޯލްޑްކަޕް އޭޝިއާ ކޮލިފައިން ކުރިއަށްދަނީ ގަތަރުގެ ދޯހާގައެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖޭން އިއްޔެ ކުޅުނީ ސައުދީއާ ދެކޮޅަށެވެ. އެ މެޗު ސައުދީން ކާމިޔާބު ކުރީ 62 ލަނޑުންނެވެ. މި މެޗުގައި ސައުދީ އަށް ޓޮސް ދިމާވެގެން ފުރަތަމަ ނިންމީ ކުޅޭށެވެ. ސައުދީން ވަނީ 20 އޯވަރު ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން 172 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ރާއްޖޭން ކުޅެން އަރައި 20 އޯވަރު ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 110 ލަނޑެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި މިއަދު ކުވެއިތާ ދެކޮޅަށް ކުޅެ ބަލިވީ ހަތް ވިކެޓުންނެވެ. މި މެޗުގައި ކުވެއިތަށް ޓޮސް ދިމާވުމުން އެޓީމުން ނިންމީ އުކާށެވެ. މި އިނިންސްގައި ރާއްޖޭން ވަނީ 20 އޯވަރު ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން 100 ލަނޑު ހަމަކޮށްފަ އެވެ. ކުވެއިތު މޮޅުވީ ޖަވާބުގައި ކުޅެން އަރައި 12.2 އޯވަރު ތެރޭ ތިން ކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހަދައިގެންނެވެ.
ރާއްޖެ ހިމެނޭ ގުރޫޕުގައި ސައުދީ އަރަބިއްޔާ އާއި ކުވެއިތުގެ އިތުރުން ހިމެނެނީ ކޮލިފައިން މުބާރާޓް ހޯސްޓު ކުރާ ގަތަރެވެ. ގުރޫޕްގެ ފަހު މެޗުގައި ގަތަރާ ދެކޮޅަށް ނުކުންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.