ދެ މައްސަލައެއްގައި 11 އަހަރަށް ރައީސް ޔާމީން ޖަލަށްލާން މިދިޔަ ޑިސެމްބަރު މަހު ކުރި ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ. މިދިޔަ ހަފްތާގައި އޮތް އަޑު އެހުން ނިންމާލަމުން ހައިކޯޓުގެ ފަނޑިޔާރުންވަނީ މާދަމާ ޔާމީންގެ މައްސަލައިގެ އިތުރު އަޑު އެހުމެއް ބާއްވާނެކަން އިއުލާން ކުރައްވާފާއެވެ.
މިދިޔަ ހަފްތާގައި އޮތް އަޑު އެހުން ނިންމާލަމުން މާދަމާ ޔާމީންގެ މައްސަލައިގެ އިތުރު އަޑު އެހުމެއް ބާއްވާނެކަން ހައިކޯޓުގެ ފަނޑިޔާރުން އިއުލާން ކުރައްވާފިވީނަމަވެސް މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން މާދަމާާގެ މައްސަލަތައް ކެންސަލްވީއެވެ. އަދި އެއާއެކު މާދަމާއަށް ތާވަލުކޮށްފައިވާ ޔާމީންގެ އަޑު އެހުންވެސް ކެންސަލްވީއެވެ. ދެން އެ މައްސަލައިގެ އަޑު އެހުމެއް އޮންނާނެ ދުވަހެއް ހައިކޯޓުން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
މާދަމާގެ އަޑު އެހުން ކެންސަލްވެފައިވާއިރު، ،ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައިވާތީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް އެއްވެސް ޝަރުތަކާ ނުލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދިއުމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭވަނީ ގޮވާލައްވާފައެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، މުއިއްޒުގެ ވެރިކަމެއްގެ ފުރަތަމަ ދުވަހު ގޭ ބަންދަށް ބަދަލުކުރެއްވުމަކީ އެ މަނިކުފާނު ރިޔާސީ ވައުދެކެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، މުއިއްޒު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުމުގައި އެމަނިކުފާނު ރޭ ވަނީ ޔާމީން ވަގުތުން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވައިފަ އެވެ.