
މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން ސިޓީއަށާއި ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށާ އަދި ރާއްޖޭގެ އެހެން ބައެއް ރަށްރަށަށްވެސް ހިދުމަތް ކުރައްވަމުން ގެންދަވަމުން، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރެއްވި ރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކާމިޔާބީ ފާހަގަކޮށް، މާލޭ ސިޓީ ކައުންސިލުގެ ނަމުގައި ވަރަށް އިހުލާސްތެރިކަމާ އެކު މަރުހަބާ ދަންނަވާ ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައިގެން ޑރ. މުއިއްޒު ފާއިތުވި ދެ އަހަރު ދުވަހު މާލޭ ސިޓީއަށް ހިދުމަތްކުރެއްވުމުގައި ނުހަނު ބުރަކޮށް މަސައްކަތްކުރައްވާ، ސިޓީ ކައުންސިލުގެ ހިންގުން ރަނގަޅުކޮށް، ހަރުދަނާކުރައްވާ، ހިދުމަތްތައް ފުޅާކުރައްވާ އަދި ޒަމާނީ ހަލުވި ހިދުމަތްތައް ތައާރަފުކުރެއްވި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުން ލާޒިމްކުރާ ކަންކަން އޭގެ ފުރިހަމަ މަހުފޫމްގައި ތަރުތީބުން ކުރައްވާ، ކައުންސިލުގެ އާމްދަނީ ޑރ. މުއިއްޒު އިތުރުކުރެއްވި ކަމަށެވެ. އަދި ރައްޔިތުންގެ އަޑުއައްސަވާ، މަޝްވަރާކުރައްވާ، ރައްޔިތުން ގާތަށް ވަޑައިގެން ހާލުބެއްލެވުމުގެ އިތުރުން މަޝްވަރާ ބައްދަލުވުންތައް ބޭއްވެވި ކަމަށް އެ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލުގެ ޓީމް ގޮވައިގެން ޑރ.މުއިއްޒު މަސައްކަތްކުރެއްވި ދުވަސްތަކަކީ މުވައްޒަފުންނަށް އުފާވެރިކަން ގެނެސްދިން، މުވައްޒަފުންގެ އަގުވަޒަންކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރެއްވުމުގެ އިތުރުން މަސައްކަތްކުރުމަށް މަގުފަހިކޮށްދެއްވި ދުވަސްތަކެއް ކަމުގައެވެ.
"މަނިކުފާނަކީ ޝައުގުވެރިކަމާ މުރާލިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާ ބޭފުޅަކަށްވީހިނދު މިއަދު ސިޓީ ކައުންސިލް ދޫކުރައްވައި ތިޔަ ވަޑައިގަންނަވަނީ އެއަށްވުރެ މަތިވެރި އަމާނަތާ ހަވާލުވެވަޑައިގެން އެއަށްވުރެ މަތިވެރި ހިދުމަތްތަކެއް ގައުމަށް ކުރެއްވުމަށް ކަމުގައި ހެޔޮހިތުން ގަބޫލުކުރާހިނދު މަނިކުފާނުގެ ހިދުމަތުގެ ތެރޭގައި މި ސިޓީވެސް ހިމެނިގެންދާކަމީ ލިބޭ ޝަރަފެއް ކަމުގައި ދަންނަވަމެވެ،" ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.