ads
މޯހަން ބަގާންއާ ދެކޮޅަށް މާޒިޔާގެ ހަމްޕު
އޭއެފްސީ ކަޕް: މާލޭގައި މޯހަން ބަގާން ބަލިކުރެވޭނެ
އޭއެފްސީ ކަޕުގައި މާލޭގައި ކުޅޭ މެޗުން މޯހަން ބަގާން ބަލިކުރެވޭނެ ކަމަށް މާޒިޔާ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.
Advertisement

އޭއެފްސީ ކަޕުގައި މާލޭގައި ކުޅޭ މެޗުން މޯހަން ބަގާން ބަލިކުރެވޭނެ ކަމަށް މާޒިޔާ ކޯޗު، މިލޯ ބުނީ، ރޭ ކަލްކަތާގައި ފަހު ވަގުތު މޯހަން ބަގާން އަތުން ބަލިވި މެޗަށް ފަހުއެވެ. ރޭ މާޒިޔާ ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. މާޒިޔާ ބަލިވި ލަނޑުވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އޭއެފްސީ ކަޕުގައި މާޒިޔާއާ މޯހަން ބަގާން މާލޭގައި ކުޅޭ މެޗު އޮންނާނީ އަންނަ ޑިސެމްބަރު މަހުގ 11 ވަނަ ދުވަހު، ރަސްމީ ބޯޅަ ދަނޑުގައެވެ.

މެޗަށް ފަހު މާޒިޔާ ކޯޗު މިލޯ ބުނީ މާލޭގައި ކުޅޭ މެޗުން މޯހަން ބަގާން ބަލިކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މޯހަން ބަގާންގެ ބަލިފައިތަށް ދެނެގަނެވިއްޖެ ކަމަށްވެސް މިލޯ މެޗަށް ފަހު ވާހަކަ ދައްކަމުން ބުންޏެވެ. މިލޯ ބުނީ ޖުމްލަކޮށް މެޗަށް ބަލާއިރު، މާޒިޔާ އިން ޓެކްޓިކަލީ ވަރަށް ރަނގަޅަށް ކުޅެން މަސައްކަތްކުރި ކަމަށެވެ.

ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މާޒިޔާ ރޭ ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. އެއް ލަނޑު އެއް ލަނޑުން މެޗު އެއްވަރު ވެގެން ނިމިދާނެ ކަމަށް ބެލެވިފައިވަނިކޮށް މާޒިޔާ ކޮޅަށް ލަނޑުވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިއާއެކު ވިދިވިގެން ތިން އަހަރު، މޯހަން ބަގާން އަތުން މާޒިޔާ ބަލިވީއެވެ.

ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ މޯހަން ބަގާން އިންނެވެ. މެޗުގެ 28 ވަނަ މިނިޓްގައި މޯހަން ބަގާން އަށް ކުޅޭ ސްކޮޓްލެންޑްގެ ފޯވާޑް، ޖޭސަން ކަމިންގްސް މި ގޯލު ޖެހީ އޭރިއާބޭރުންނެވެ. މާޒިޔާ ކޮޅަށް ދެވަނަ ލަނޑުވެސް ޖެހީ ހަމަ އޭނާއެވެ. އެއީ 93 ވަނަ މިނިޓްގައެވެ. މާޒިޔާގެ ލަނޑު ޖެހީ ޖަޕާންގެ މިޑްފީލްޑަރު، ޓޮމޯކީ ވާޑާއެވެ.

މި ގްރޫޕްގެ އަނެއް މެޗުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ވަނީ އަމިއްލަ ދަނޑުގައި އިންޑިއާގެ އޮޑީޝާ އަތުން 3-2 އިން މޮޅުވެފަ އެވެ. މިއީ ބަޝުންދަރާގެ އެރީނާގައި ކުޅުނު އޭއެފްސީ ކަޕްގެ ފުރަތަމަ މެޗެވެ. ބަޝުންދަރާ ވަނީ ފުރަތަމަ މެޗުން މާޒިޔާ އަތުން 3-1 އިން ބަލިވެފަ އެވެ. އަދި އޮޑީޝާ އަތުން މޯހަން ބަގާން މޮޅުވީ 4-0 އިންނެވެ.

ގްރޫޕު ޑީގައި މިހާތަނަށް ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި މޯހަން ބަގާން އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ބަޝުންދަރާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އޮޑީޝާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް