ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ސާކިއުލާއެއްގައި ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލު" މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުން ފާސްކުރެވިފައިވާ ކަމަށެވެ.
ޕީސީބީން ބުނީ މިފަދަ އުސޫލެއް އެކުލަވާލުމުގެ މަގުސަދަކީ:
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވޭ ޑިރެކްޓަރުން، ޑިރެކްޓަރުންގެ މަގާމުގެ ހައިސިއްޔަތުން އަދާކުރުމުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކުރުން
- ޑިރެކްޓަރުން ނަޒާހަތްތެރިކަމާ އެކު، ޖަވާބުދާރީކުރުވެނިވި އަދި ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތްކުރުމަށާއި އަމަލުތައް ބެހެއްޓުމަށް ބާރުއެޅުން
- ޑިރެކްޓަރުން ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރާ ނަމަ ނުވަތަ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލެއްކޮށްފި ނަމަ އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުން
- ޑިރެކްޓަރުންނަށް ސަސްޕެންޑް ކުރުމާއި ފިޔަވަޅު އެޅުމުގައި އަމަލުކުރެވޭނެ އިޖްރާއަތްތައް ކަނޑައެޅުން
މި އުސޫލުގެ ދަށުން ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވާ ނަމަ، ޝަކުވާ ހުށަހެޅުމުގެ ހައްގު އެކަމުގައި މަސްލަހަތު އޮތް ކޮންމެ މީހަކަށް ލިބެއެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޕީސީބީން ދޭން ޖެހެއެވެ. އޭގެ އިތުުރުން:
- ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް އެ ބޯޑަށް ގަބޫލު ކުރެވިއްޖެ ނަމަ، ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ އިންކުއަރީއެއް ހެދުމާ މެދު ގޮތެއް ނިންމަން ޖެހޭ
- އިންކުއަރީއެއް ހަދަން ޖެހޭ ކަމަށް ބޯޑުގެ ސެކެޓްރީ ޖެނެރަލަށް ފެނިއްޖެ ނަމަ، ބޯޑަށް މައްސަލަ ލިބޭތާ ފަސް ދުވަހުގެ ތެރޭގައި ޕްރިލިމިނަރީ ރިޕޯޓެއް އެކުލަވާލައި އިންކުއަރީއެއް ހެދުމުގެ ހުއްދައަށް އެދި ބޯޑަށް ހުށަހަޅަން ޖެހޭ
- އިންކުއަރީ ހެދުމާ މެދު ގޮތް ނިންމާނީ ބޯޑުން. އަދި އެކަމަށް ތިން ދުވަސް ލިބޭނެ
- މައްސަލައިގެ ބާވަތުން، އެ ޑިރެކްޓަރަކު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރަން ޖެހޭ ފަދަ މައްސަލައެއް ކަމަށް ބޯޑުން ނިންމައިފި ނަމަ، އެ މައްސަލަ ބަލަން ފޮނުވި އިދާރާގެ ސަމާލުކަމަށް އެކަމެއް ގެންނަން ޖެހޭ
- މައްސަލަ ބަލައިނުގަތުމަށް ނިންމައިފި ނަމަ ތިން ދުވަހުގެ ތެރޭގައި އެ ޝަކުވާ ހުށަހެޅި ފަރާތަށް އަންގަން ޖެހޭ
- ޖަވާބުދާރީކުރެވޭނެ ގޮތްތައް މި އުސޫލުގައި ބަޔާންކޮށްފަައިވޭ
ޑިރެކްޓަރުންގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑު ކަނޑައަޅައި، އެ މިންގަނޑާ ހިލާފުވާ ނަމަ ޖަވާބުދާރީ ކުރެވޭ ގޮތަށް އެކުލަވާލި މި އުސޫލަށް އަމަލުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕީސީބީން ވަނީ އަންގާފައެވެ.