ads
މަވޯޓާއަށް ހަމަލާދީފައި
މަވޯޓާއަށް ހަމަލާދިނުމުގަ ޕީޕީއެމް ޕީއެންސީ މީހަކު ނުހިމެނޭ
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ލީ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމް / ޕީއެންސީ މީހަކު ނެތްކަން ސީއެންއެމަށް ކަށަވަރު ކުރެވިއްޖެއެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ މަސައްކަތުގައި އުޅުއްވަނިކޮށް މަވޯޓާއަށް ހަމަލާދިނުމުގެ ތުހުމަތުގައި މިއަދު ހަތަރު މީހުން ހައްޔަރުކޮށްފައިވެއެވެ. މަވޯޓާއަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ  26 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ދެ ފިރިހެނުން އަދި 23 އަހަރުގެ ފިރިހެނެއް ކަން އެ މީހުންގެ ބަންދު އަމުރު ރިޕޯޓްތަކުން އެނގެއެވެ. މިކަމާ ގުޅިގެން ޝަރީފް ވިދާޅުވި ގޮތުގައި، އެ ހަމަލާ ދިނީ ވޯޓު ގަތުމުގެ ކަންކަން ކުރާ ކަމަށް ތުހުމަތުކޮށެވެ. އަދި އެކަން ކުރީ ޕީޕީއެމަށް ނިސްބަތްވާ ގޭންގަކުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޕީޕީއެމަށް ނިސްބަތްވާ ގޭންގަކުން ކުރި ކަމެއްކަމަށް ޝަރީފު ތުހުމަތު ކުރެއްވި ނަމަވެސް ބަންދު ކުރި ހަތަރު މީހުންގެ ތެރޭގައި ޕީޕީއެމް އަދި ޕީއެންސީގެ މީހަކު ނުހިމެނެއެވެ. އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން އެކަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މީހެއް ނޫނެވެ. އަނެއް ތިން މީހުން ނިސްވަތްވަނީ އެމްޑީޕީ، އެމްއެންޕީ އަދި ޖޭޕީއަށް ކަމަށް އިލެކްޝަންސްގެ ދަފްތަރުން ދައްކައެވެ.

ޝަރީފަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު 60 ދުވަހަށް ބަންދުކޮށްފައިވާއިރު، އަނެއް ދެ މީހުން ބަންދުކޮށްފައިވަނީ 30 ދުވަހަށެވެ. މި އެންމެންގެ މައްޗަށްވެސް ފުލުހުން ކުރާ ތުހުމަތަކީ މާރާމާތީ ހިންގުމާ، ބިރު ދެއްކުމާއި އިންޒާރު ދިނުމެވެ.

ބަންދު ކުރި ހަތަރު މީހުންގެ ތެރެއިން އެކަކީ، މީގެ ކުރިން އެއްވެސް މައްސަލައެއްގައި ބަންދުކޮށްފައިވާ މީހެއް ނޫނެވެ. އަނެއް ދެ މީހުންގެ ބަންދު ރިކޯޑް އޮތް ގޮތެއް ނޭނގޭއިރު، އެކަކީ މީގެ ކުރިންވެސް އެ ފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަން ބަންދު އަމުރު ރިޕޯޓުން އެނގެއެވެ.

ގުރޫޕަކުން ޝަރީފަށް ހަމަލާދިނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން ކުރިއަށް ދަނިކޮށް މާލޭގައި ހުންނަ މެންހަޓަން ހޮޓަލް ތެރެއިންނެވެ. އެ ހަމަލާ އާ ގުޅިގެން ޝަރީފުގެ މޫނުމައްޗަށް ވަނީ އަނިޔާ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް