ads
ރައީސް ސޯލިހާއެކު 2018 ވަނަ އަހަރު ކޯލިޝަން ހެއްދެވި ޕާޓީތަކުގެ ލީޑަރުން: ފޮޓޯ ޕީއެސްއެމް
އެންމެ ކުޑަ ޕާޓީން، އެންމެ ބޮޑު ޕާޓީ ބަލިކުރުން: ޕާޓިތަކުގެ ބޭނުން ކެނޑުނީތަ؟
މީގެ 17 އަހަރު ކުރިން ރާއްޖޭގައި އުފެދިގެން އައި ޕާޓީ ސިސްޓަމް އައި ފަހުން ސިޔާސީ ވާދަވެރިކަމާއި ހަލަބޮލިކަން އިތުރުވެގެން ދިޔައެވެ. ވެރިކަން ހޯދުމަށް ކޮންމެ ޕާޓީއަކުން ވެސް ފައި ވިއްދާލާފައި ތިބި އިރު، އެއްޕާޓީ އަކަށް ވުރެ އަނެއް ޕާޓި ބޮޑުވެ ބިޔަވެ ބާރު ގަދަ ވުމަކީ އޮތް އެންމެ ބޮޑު ވާދަވެރިކަމެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުން ފެނިގެން ދިޔައީ ބޮޑު ޕާޓިއެއް ކުޑަޕާޓިއެއް ދިވެހިން ނުބަލާ ކަމެވެ.

ކުޑަ ކުޑަ ޕާޓީއަކުން ނިކުތް ކެނޑިޑޭޓަކު، ވެރިކަން ކުރަމުންދިޔަ ބިޔަ ބޮޑު ލަޝްކަރު ބަލިކޮށް ކުރިހޯދާ ރައީސަކު އިންތިހާބުވުން އަންގައި ދެނީ ދިވެހިންނަށް ޕާޓީ ސިސްޓަމް ކޮންމެ ހެން ބޭނުން ނުވާކަން ހެއްޔެވެ. ދިވެހިން ޕާޓީ ސިސްޓަމަށް ނޫނެކޭ ބުނީ ހެއްޔެވެ؟ 

ޕާޓީތަަކަށް އިތުބާރު އޮތްތޯ ބަލަން ޖެހޭ

ރާއްޖޭގައި ޑިމޮކްރަސީގެ އިސްލާހީ ފިޔަވަޅުތައް ކާމިޔާބު ނުވުމުގެ މައިގަނޑު ސަބަބަކީ ކޮރަޕްޝަނާއި ސިޔާސީ ޕާޓީތަކަށް އިތުބާރު ނެތުން ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން 2020 ވަނަ އަހަރު ކުރި ދިރާސާއަކުން ވަނީ ހާމަވެފައެވެ. 

އެ ދިރާސާއިން ފާހަގަ ކުރެވުނު ކަންތަތަކުގެ ތެރޭގައި ޑިމޮކްރަސީގެ އިސްލާހީ ފިޔަވަޅުތައް ކާމިޔާބުނުމުގެ މައިގަނޑު ސަބަބަކީ ކޮރަޕްޝަން ކަމަށް ދިރާސާގެ ބައިވެރިން 21 އިންސައްތަ ވަނީ ބުނެފައެވެ. ސިޔާސީޕާޓީތަކުގެ މެދުގައި އިތުބާރު ނެތުންކަމަށް ބުނެފައިވަނީ 20 އިންސައްތަ މީހުންނެވެ.

މިވަގުތު އެންމެ އަޑުހަރުކޮށް ދެކެވޭ ވާހަކަ އަކީ، ވެރިކަން ކުރާ ނިޒާމުގެ ވާހަކަ އެވެ. ވެރިކަން ކުރާ ނިޒާމު ކަނޑައަޅަން ވޯޓެއް ނެގުމުގެ ކުރިން މިހާރު މިވަނީ، ރާއްޖޭގައި ޕާޓީ ސިސްޓަމް އޮންނަން ފެނޭ ތޯ ރައްޔިތުންގެ ވޯޓެއް ނަގަން ޖެހިފައި ކަމަށް ވެސް ބައެއް ތަޖުރިބާ ކާރުން ވިދާޅުވެއެވެ. 

ރާއްޖޭއަށް ޕާޓީ ސިސްޓަމް ތައާރަފު ކޮށްފައި ވަނީ ރައްޔިތުންގެ ވޯޓަކަށް ނުގޮސް، ރައްޔިތުންގެ ހިޔާލު ހޯދުމަކާ ނުލައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް އާއްމު ވޯޓެއް ނަގަން ޖެހޭނީ ޕާޓީސިސްޓަމާ ގުޅޭ ވޯޓެއް ނެގުމަށްފަހުގައި ކަމަށް މަޖިލީހުގައި ބައެއް މެންބަރުން ވެސް ވިދާޅުވެފައި އެބަ ހުއްޓެވެ. އެހެން ކަމުން މިއީ މަޖިލީހުން އަލުން ބަހުސް ކުރެވެން ޖެހޭ މައުޟޫއެވެ. 

ޑރ. މުއިއްޒުގެ ވެރިކަމަށް ޕާޓީ ނިޒާމުގެ ނުފޫޒު އޮންނާނީ ކިހިނެއް؟  

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމަށް ހޮވިވަޑައި ގެންނެވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރއްވައިގެންނެވެ. ނަމަވެސް އެމަނިކުފާނަށް ތާއީދު ކުރެއްވީ، ކުރީގެ ރައީސް ޔާމީން މިނިވަން ވުމަށް އެދި އެދި ތިބި ޕީޕީއެމްގެ މެމްބަރުންނާއި، " ރައީސް ސޯލިހް ނޫން ގޮތެއް" ބޭނުންވެގެން ތިބި ރައްޔިތުންނެވެ. އެހެން ކަމުން ޕީއެންސީގެ އެއްވެސް ބާރެއް އެމަނިކުފާނުގެ ވެރިކަމަށް ފޯރާކަށް ޖާގައެއް ނެތެވެ. ދެން އޮތް ސުވާލަކީ، ކޯލިޝަންގެ ތެރޭގައި ޕީޕީއެމެ އޮންނަ ނަމަ ޕީޕީއެމްގެ ބާރު، އަދި ރައީސް ޔާމީންގެ ބާރު ޑރ. މުއިއްޒުގެ ވެރިކަމަށް ކުރަނީ ކިހާވަރަކަށް ބާ އެވެ. ޕީޕީއެމް އިން ވެރިކަން ހިންގުމުގެ ބޮޑުބައި ހިއްސާ ކުރާ ނަމަ އަނެއްކާ ވެސް ވަކި ޕާޓިއެއްގެ ކެނޑިޑޭޓަކު ވެރިކަމަށް އައުމަކީ މުހިންމުކަމަކަށް ނުވެއެވެ. 

your imageވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ފަޅާލާފައި: ފޮށިން ކުރި ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު

މެންބަރުންނާ އެއް މިންވަރަށްވެސް ބައެއް ޕާޓީތަކަށް ވޯޓެއް ނުލިބޭ: 

ޕާޓީތަކުގައި މެންބަރުން ތިބި އަދަދަށް ބަލާ އިރު އެމްޑީޕީގައި 21 ފެބުރުވަރީ 2023 ގެ ނިޔަލަށް 57660 މެންބަރުން ތިބި ކަމަށް އިލެކްޝަންސްގެ ތަފާސް ހިސަބުތަކުން ދައްކައެވެ. އަދި ޖުމްހޫރީ ޕާޓީގައި 22607 މެންބަރުން ތިބި އިރު ޕީޕީއެމް ގައި 38704 މެންބަރުން އެބަތިއްބެއެވެ. 

މީގެ އިތުރުން އަދާލަތު ޕާޓީގައި 9786 މެންބަރުން ތިބި އިރު އެޕާޓީން ވަނީ ސަރުކާރާ އެކު ކޯލިޝަން ހަދާފައެވެ. ޕީޕީއެމްގައި ތިބީ 38704 މެންބަރުންނެވެ. އަދި ޑރ. މުއިއްޒު އެޕާޓިއެއްގެ ޓިކެޓުގައި ވާދަކުރެއްވި ޕީއެންސީގައި ތިބީ ހަމަ އެންމެ 3159 މެންބަރުންނެވެ. 

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ބައެއް ބޮޑެތި ޕާޓިތަކުން އިންތިހާބުގައި ވާދަކުރި އިރު، ޕާޓީގެ މެންބަރުން ތިބި އަދަދާއި ގާތަށް ވެސް ވޯޓު ލިބިފައި ނުވާކަމެވެ. އެގޮތުން ޖުމްހޫރީ ޕާޓިގައި 22607 މެންބަރުން ތިބި އިރު ފުރަތަމަ ބުރުގައި ވާދަކުރެއްވި، އެޕާޓީގެ ކެނޑިޑޭޓް ގާސިމް އިބުރާހީމް އަށް ލިބިވަޑައި ގެންނެވީ 5460 ވޯޓެވެ. 

your imageޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް: - ފޮޓޯ:ޖޭޕީ

މިހާރު ވެރިކަން ކުރާ އެމްޑީޕީ އިން އަބަދު ވެސް ދައުވާ ކުރަނީ އެޕާޓި އަކީ އެންމެ ބޮޑު އެންމެ ގިނަ މެންބަރުން ތިބި ޕާޓީ ކަމަށެވެ. ނަމަވެސް މި އިންތިހާބުން ފެނިގެން ދިޔައީ، އެޕާޓީގެ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު، ބޮޑު ތަފާތަކުން ބަލިވެގެންދިޔަ ތަނެވެ. އެހެންކަމަށް ވާނަމަ ބޮޑު ބިޔަ ޕާޓީއެއްގެ ބޭނުމަކީ ކޮބާ ބާއެވެ؟ 

މި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރައްވާ، 2.86 އިންސައްތަ ލިބިވަޑައިގެން ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އުމަރު ނަސީރު ވިދާޅުވެފައި ވަނީ، ސިޔާސީ ޕަޓީތަކާއެކު ރައްޔިތުންނަށް މީގެ ކުރިން ވެސް ލިބުނީ މާޔޫސްކަން ކަމަށެވެ. އުމަރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަނީ ޕާޓީތަކަށް ރަސްކަންދޭ އުސޫލުން ކަމަށެވެ. އެމަނިކުފާނު ޕާޓީ އެއް އުފެއްދެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވަނީ އެހެން ވެގެން ކަމަށް ވެސް އުމަރު ވިދާޅުވެފައިވެއެވެ. 

ރިޔާސީ އިންތިޙާބުގެ ނަތީޖާ ތަކަށް ބަލާފައި އެނގޭ އެއްކަމަކީ ރައްޔިތުންނަށް ވަކި ޕާޓިއެއް މުހިންމު ނުވާކަމެވެ. އެހެން ކަމަށްވާ އިރު، ޕާޓީ ނިޒާމެއް ރާއްޖޭގައި އޮތުން މުހިންމުތޯ އެއީ މިވަގުތު އުފެދޭ ބޮޑު ސުވާލެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް