ads
ޖަޕާނު ސަފީރު ޑރ. މުއިއްޒުއާ ބައްދަލުކުރެއްވުން
ތިން ސަފީރަކު އިންތިހާބީ ރައީސް އާ މިއަދު ބައްދަލުކުރައްވައިފި
ތިން ސަފީރަކު އިންތިހާބީ ރައީސް ޑރ. މުއިއްޒު އާ ބައްދަލުކުރައްވައިފިއެވެ.

ތިން ސަފީރުންނާ ވެސް ބައްދަލުކުރައްވާފަ ވަނީ ޑރ. މުއިއްޒުގެ އަމިއްލަ ގެކޮޅު މ. ދިމްޔަތުގައެވެ.

ބައްދަލުވުންތަކުގަ އިންތިހާބީ ނައިބު ރައީސް ވެސް ބައިވެރިވެ ވަޑައިގަތެވެ.  

އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ ބަންގްލަދޭޝިއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރެވެ.

ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ބަންގްލަދޭޝްއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެ، ބަންގްލަދޭޝްއާ ދިވެހިރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ފާހަގަކުރެއްވެވިއެވެ. އަދި، ފެށިގެންދާ އާ ދައުރުގައި އެ ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-ބަންގްލަދޭޝްގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވެވިއެވެ.

ދެން ބައްދަލުކުރެއްވީ، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއެވެ. 

ބައްދަލުވުމުގަގަ، ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ޖަޕާނާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. ޖަޕާނަކީ ޒަމާނުއްސުރެ، ދިވެހި ރައްޔިތުންނަށް ބޮޑެތި އެހީވެދެއްވަމުންގެންދަވާ ޤައުމެއްކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އެހީތަކުގެ ސަބަބުން ޖަޕާނުގެ ރައްޔިތުންނާއި ސަރުކާރާ މެދު، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ހާއްސަ އިހުތިރާމަކާއި ގަދަރެއް ދެވިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އަދި، ފެށިގެންދާ އާ ދައުރުގައި މި ގާތްކަން އިތުރަށް ފުޅާވެ ބަދަހިވުމަށް އުއްމީދުކުރައްވާކަމަށާއި، އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ.

ޖަޕާންގެ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-ޖަޕާނުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ.

ތިންވަނައަށް ބައްދަލުކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއެވެ. 

ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ޕާކިސްތާނާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި، ފެށިގެންދާ އާ ދައުރުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިކުރުމަށް އެދިވަޑައިގެންނެވިއެވެ.

ޕާކިސްތާން ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާ ޕާކިސްތާނަކީ އެއްގޮތަށްވުރެ ގިނަ ގޮތުން ގުޅިފައިވާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. މި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވެވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް