މިހާރު މޭޖާ ލީގު ސޮކާ ފްރެންޗައިޒް އިންޓަ މިއާމީގެ ކޯއޯނަރު ބެކަމްއަކީ މިއަދު ކާމިޔާބު ވިޔަފާރިވެރިއެކެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ ކުޅޭނީ ބެކަމްގެ ކްލަބަށެވެ.
ކާމިޔާބު ކެރިއަރެއް ނިންމާލުމަށް ފަހު މިހާރު ހިންގުމުގެ ދާއިރާއިން ކާމިޔާބު ހޯދަމުން އަންނަ ބެކަމްގެ ހިތުން ނުފިލި ރަތް ކާޑަކީ ވޯލްޑްކަޕްގެ ނޮކްއައުޓް ބުރުގައި 1998 ވަނަ އަހަރު އާޖެންޓީނާއާ ދެކޮޅާށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑެވެ.
ބެކަމްގެ ހިތުން ނުފިލި ރަތްކާޑުގެ ވާހަކަ އޭނާ ކިޔައިދީފައިވަނީ ނެޓްފްލިކްސްގައި ޕްރިމިއަރ ކޮށްފައިވާ "ބެކަމް" ޑޮކިއުމެންޓްރީއަށެވެ.
މި ނެޓްފްލިކްސްގެ އާ ޑޮކިއުމެންޓްރީ ސީރީޒް 'ބެކަމް' ގައި އިނގިރޭސިވިލާތުގެ ކުރީގެ މިޑްފީލްޑަރު މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގައި ހޭދަކުރި ބެކަމްގެ ކާމިޔާބު ކެރިއަރުގެ ވާހަކަތައް ގެނެސްދީފައިވެއެވެ. އަދި ސްޕައިސް ގާލްސްގެ ލަވަކިޔުންތެރިއަކަށް ބަދަލުވި ފެޝަން ޑިޒައިނަރ ވިކްޓޯރިއާ އާއި ބެކަމް ބައްދަލުވީ ގޮތާ ކައިވެންޏާ ހިސާބަށް ދިޔަ ގޮތް ކިޔަދީފައިވެއެވެ.
އިގިރޭސިންނާ އާޖެންޓީނާގެ މެޗުތަކަކީ ޒަމާނުއްސުރެ ވާދަވެރި މެޗުތަކެކެވެ. އެ ހަމައިގެ ތެރެއިން އެ މެޗަކީވެސް ފޯރިގަދަ، ވާދަވެރި މެޗެކެވެ. ބެކަމްއަށް ރަތްކާޑު ދެއްކީ، އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިއޭގޯ ސިމިއޯނީގެ ގައިގައި ޖެހުމުންނެވެ.
ޑޭވިޑް ބެކަމް ބުނީ އެ ރަތްކާޑާ ގުޅިގެން އާއިލާއަށް ކުރިމަތިވި ދިގުދެމިގެންދިޔަ ވޭނެއް ކަމަށެވެ. އެ ދުވަހު ހެދުނީ ބޮޑު ގޯހެއް ކަމަށް ބެކަމް ގަބޫލު ކުރާ ކަމަށް މިހާރު އޭނާ ބުނެއެވެ.
އެ ދުވަހުގެ މެޗުން އިގިރޭސިން ބަލިވީޕެނަލްޓީ ޝޫޓް އައުޓުންނެވެ. އިގިރޭސިން އޭރު ދުށް ގޮތުގައި ބެކަމްއަށް ރަތްކާޑު ނުދެއްކި ނަމަ އިގިރޭސިން އެ މެޗުން މޮޅުވީހެވެ.
އެ މެޗުން ބަލިވުމަށް ފަހު އިގިރޭސި ޑޮމެސްޓިކް ސީޒަނުގައި ޔުނައިޓެޑަށް ކުޅުނުއިރު ވާދަވެރި ސަޕޯޓަރުން ތަކުރާރުކޮށް ބެކަމް އަށް ޖެއްސުން ކުރި އެވެ. އަދި އާންމުންގެ ފާޑުކިޔުންތަކުގައި ބެކަމް ނަފްސާނީ ގޮތުން ބަލިކަށިވިއެވެ.
އެ ޑޮކިއުމެންޓްރީގައި ވިކްޓޯރިއާ ބެކަމް ބުނީ އޭރު ލިބުނު ފުރައްސާރައިގެއ ސަބަބުން އޭނާގެ ފިރިމީހާ ޑިޕްރެޝަނަށް ދިޔައެވެ. އަދި އޭރު އުމުރުން 23 އަހަރުގެ ބެކަމް ފުރަތަމަ ފަހަރަށް ބައްޕައަކީއިރު ދިޔައީ އެތައް އުނދަގޫތަކެއް ތަހައްމަލު ކުރަމުންނެވެ.
އެކަމަކު 1998/99 ވަނަ އަހަރުގެ ސީޒަންގެ ކާމިޔާބާއެކު ހުރިހާ ކަމެއް ބަދަލުވިއެވެ. ސާ އެލެކްސް ފަރްގިސަން މެނޭޖްކުރި ޔުނައިޓެޑް ޓީމުން ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގުގެ ފާހަގަކޮށްލެވޭ ޓްރެބަލްއެއް ހޯދިއެވެ.
މި ޑޮކިއުމެންޓްރީގައި ބެކަމްވަނީ އޭނާ ރިއާލް މެޑްރިޑަށް ބަދަލުވި ސަބަބުތައްވެސް ކިޔައިދީފައެވެ. އޭނާ ބުނި ގޮތުގައި ޔުނައިޓެޑާ ރިއާލް މެޑްރިޑް ކުޅުނު މެޗަށް ފަހު، އޭރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހުރި ފްރާންސްގެ ޒައިނުއްދީން ޒިދާން ބެކަމް ގާތު ރިއާލަށް އަންނަން ބުނި ބުނުން ވެގެން ދިޔައީ ހައިރާން ވި ކަމަކަށެވެ.