ads
ހުސެން މުހައްމަދު، ޑރ މުއިއްޒު، އަދި އަދުރޭ: ފޮޓޯ ސަން
ވަކި ޕާޓީއަކަށްވީތީ ގާބިލު މީހުން ސަރުކާރުން ދުރެއް ނުކުރާނެ: ފިރުޒުލް
ވަކި ޕާޓީއަކަށް ވީތީ ގާބިލް މީހުން ދުރުކުރުމުގެ ވިސްނުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުގެންގުޅުއްވާނެ ކަމަށް އެމަނިކުފާނުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
Advertisement

ފިރުޒުލް މިހެން ވިދާޅުވީ، ޑިމޮކްރެޓްސް އާއެކު އެއްބަސްވުމެއް ނެތް ކަމަށާއި، އެކަމަކު ސަރުކާރުން ޖާގަ ލިބޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި ވިދާޅުވުމާ ގުޅިގެން އޮންލައިން ނޫހެއްގައި ޖަހާފައިވާ ސުރުހީ އެއް އެކްސްގައި ޕޯސްޓު ކުރައްވަމުންނެވެ. 

އެ ނޫހުގައި ސުރުހީ އޮތް ގޮތުން މުއިއްޒު އަސްލު ދެންނެވި އެއްޗެއް އޮޅުން އަރާފާނެތީކަން ފާހަގަކުރައްވާ އިތުރަށް ސާފުކޮށްދެއްވަމުން ފިރުޒުލް ވިދާޅުވީ، މުއިއްޒުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ޝާމިލު ސަރުކާރެއް އެކުލަވާލައްވާނެ ވާހަކައަށް ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަމަށް ކަމަށެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ، ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުތު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުރި ނަމަވެސް، އެ ފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ސިދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނުއްވުމުގެ ވިސްނުންފުޅު މުއިއްޒު ނުގެންގުޅުއްވާކަން އޭނާ ފާހަަގަކުރެއްވި އެވެ.

އެމްޑީޕީ ތެރެއިން ވަކިވެގެން ނިކުތް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން 'ދަ ޑިމޮކްރެޓްސް' ފުރަތަމަ އުފެއްދި ދުވަސްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް ޕީޕީއެމް-ޕީއެންސީ އާއެކު ޑިމޮކްރެޓްސް އިން މަސައްކަތް ކޮށްފައި ވެއެވެ.

 އެގޮތުން ރައީސް ސޯލިހްގެ ސަރުކާރު ބަދަލުކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް ދެ ޕާޓީން މަޝްވަރާ ބައްދަލުވުންތައްވެސް ބާއްވާފައިވެއެވެ.

ނަމަވެސް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ނާކާމިޔާބީއަށްފަހު ޑިމޮކްރެޓްސް އިން ޕީޕީއެމް އާއެކު ކޯލިޝަން ހެދުމަށް ހުށަހެޅި ހުށަހެޅުމަށް ޕީޕީއެމް-ޕީއެންސީގެ ފަރާތުން ޖަވާބެއް ދީފައެއް ނުވެ އެވެ.

 އަދި އެމްޑީޕީންވެސް އެ ހުށަހެޅުމަށް ވަކި ޖަވާބެއް ދީފައި ނުވެއެވެ. އެހެންވެ، ޑިމޮކްރެޓްސް އިން ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް