ads
އިމާރާތް ކުރަމުންދާ ސައިޓެއްގައި މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވަނީ: މަޝްރޫތައް ހިންގުމަށްފަހު ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ ލަސްވާތީ އެމްއެންއޭސީއައިއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި - ފޮޓޯ:މޯލްޑިވްސް ޓުޑޭ
މަޝްރޫއުތަކަށް ފައިސާ ނުދީ ލަސްވާތީ އެމްއެންއޭސީއައިއިން ކަންބޮޑުވުން ފާޅުކޮށްފި
ސަރުކާރުން އަތޮޅުތަކުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވާތީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

އެމްއެންއޭސީއައިއިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން އަތޮޅުތަކުގެ ތަރައްގީއަށް ހިންގަމުންގެންދާ ޕީއެސްޕީއައިޕީ ޕްރޮޖެކްޓްތަކާއި އެހެނިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުން އަމިއްލަ ތަކެތީގައި މަސައްކަތް ކުރުމަށްފަހު ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން އިންވޮއިސް ހުށަހެޅުމުން ފައިސާ ލިބުން ލަސްވެ ކޮންޓްރެކްޓްތައް ހިންގުމަށް ދަތިވާ ކަމަށެވެ.

އެކަމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ނުދެވުމާއި މުވައްޒަފުންގެ ކެއުމާއި އެހެނިހެން ހަރަދުތައް ހަމަޖެއްސުމުގެ އިތުރަށް މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭ ފަރާތްތަކަށް އަގު ނުދެވުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމަށް އެމްއެންއޭސީއައިއިން ބުނެއެވެ. އެ އެސޯސިއޭޝަނުން ބުނެފައިވަނީ މި ކަންކަމުގެ ޝަކުވާތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުން ވެސް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

މައްސަލަތައް ހައްލުކުރެވޭތޯ އެ އެސޯސިއޭޝަނުން ކަމާބެހޭ މިނިސްޓްރީތަކާއި މަސައްކަތްތައް ކުރުވާ މިނިސްޓްރީތަކާ އަދި ސިވިލް ސާވިސް ކޮމިޝަނުގެ ވެރިންނާ ބައްދަލުކޮށް ކޮންޓްރެކްޓްގައި އެއްބަސްވެފައި އޮންނަ މުއްދަތުގެ ތެރޭގައި އިންވޮއިސްގެ ފައިސާ ދިނުމަށް އެދިފައިވާނެ ކަމަށް އެމްއެންއޭސީއައިއިން ބުނެއެވެ. އެމްއެންއޭސީއައިއިން ބުނި ގޮތުގައި ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން ސަރުކާރުން ކޮންޓްރެކްޓަރު ޖޫރިމަނާ ކުރާ ފަދައިން، ކޮންޓްރެކްޓަރުންގެ އިންވޮއިސްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެވުމުން އޭގެ ޖޫރިމަނާ ކޮންޓްރެކްޓަރުންނަށް ދިނުމަށް އިލްތިމާސްކޮށްފައިވާނެ ކަމުގައެވެ.

އެ އެސޯސިއޭޝަނުން މަސައްކަތް ކުރަމުން ގެންދަނީ ކޮންޓްރެކްޓަރުންގެ މައްސަލަތައް އަޑުއަހައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަށް ކަމަށް އެމްއެންއޭސީއައިއިން ބުނެއެވެ. އެމްއެންއޭސީއައިއިން ބުނީ ކޮންޓްރެކްޓަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، އެ އެސޯސިއޭޝަނުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ކުރިއަށް ގެންދިޔަ ސެމިނާގަައި ފާހަގަކޮށްފައިވާ 24 ނުކުތާގެ މައްޗަށް އެކުލެވޭ ޕްރެސެންޓޭޝަނެއް އެ މަހުގެ 24 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ފަހުންވެސް ތަފާތު ބައްދަލުވުންތަކުގައި މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައި ނަމަވެސް، ވޭތުވެދިޔަ މުއްދަތުގައި މި މައްސަލައަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އެމްއެންއޭސީއައިއިން ވަނީ ބުނެފައެވެ.

އެމްއެންއޭސީއައިއިން ވަނީ ކޮންޓްރެކްޓުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމާ އެކު، ކޮންޓްރެކްޓުގައި ބުނެފައިވާ ގޮތުގެ މަތިން ކޮންޓްރެކްޓަރުންގެ އިންވޮއިސްތަކަށް ފައިސާ ދޫކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި އެފްއައިޑީސީގެ ކޮންޓްރެކްޓް ޑޮކިއުމެންޓާ އެއްގޮތަށް އިންސާފުވެރި މަސައްކަތް ކުރުވާ ފަރާތާއި މަސައްކަތް ކުރާ ފަރާތަށް ހަމަހަމަ ކޮންޓްރެކްޓެއް ތައާރަފުކޮށް ކޮންޓްރެކްޓަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެމްއެންއޭސީއައިއިން ވަނީ ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް