ads
ފީފާގެ ކުރީގެ ރައީސް ބްލެޓަރ
ހަ ގައުމެއްގައި ވޯލްޑްކަޕް ބާއްވާތީ ބްލެޓާގެ ނުރުހުން
ހަ ގައުމެއްގައި ވޯލްޑް ކަޕް ބާއްވަން ނިންމި ނިންމުމަށް ފީފާގެ ކުރީގެ ކޯޗު ބްލެޓާ ފާޑުކިޔައިފި އެވެ

ދުނިޔޭގެ ފުޓްބޯޅައިގެ ގަވަނިން ބޮޑީ- ފީފާއިން ނިންމާފައިވަނީ 2030 ވަނަ އަހަރުގެ ވޯލްޑްކަޕް ތިން ބައްރެއްގެ ހަ ގައުމެއްގައި ބާއްވާށެވެ. އެއީ މުބާރާތުގެ ހޯސްޓް މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގެ އިތުރުން އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭއެވެ. މިގޮތަށް ކަނޑައެޅީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށެވެ. 2030 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ މެޗުތައް ބާއްވަން ކަނޑައަޅާފައިވަނީ އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައެވެ.

ކޮރަޕްޝަންގެ ތަހުގީގަށް ފަހު މަގާމުން ވަކިކުރި ފީފާގެ ކުރީގެ ރައީސް ބްލެޓާވަނީ ފީފާގެ މި ނިންމުންތަކަށް ފާޑު ކިޔާފައެވެ.  

"މިގޮތަށް މުބާރާތް ބޭއްވުމަކީ ގޯހެއް. ވޯލްޑް ކަޕް ފައިނަލަކީ ކޮމްޕެކްޓް އިވެންޓަކަށް ވާންޖެހޭނެ، އިވެންޓުގެ އައިޑެންޓިޓީއަށް، އޯގަނައިޒޭޝަނަށް އަދި ޒިޔާރަތްކުރާ ފަރާތްތަކަށް މިއީ މުހިންމު ކަމެއް" ސްވިޒަލޭންޑްގެ ނޫހެއް ކަމަށްވާ ސޮންޓަގްސްބްލިކް އަށް ދިން އިންޓަވިއުއެއްގައި ބްލެޓާ ބުންޏެވެ.

އެއް ޒަމާނެއްގައި ފުޓްބޯޅައިގެ އެންމެ ބާރުގަދަ އެއް ފަރާތެއް ކަމަށްވާ ބްލެޓާ ވަނީ މެދުއިރުމަތީގެ ގައުމަކީ މާ ކުޑަ ގައުމެއް ކަމަށް ބުނެ 2022 ވަނަ އަހަރުގެ މުބާރާތް ގަތަރަށް ދިނުމުން ފީފާއަށް މީގެ ކުރިން ފާޑުކިޔާފައެވެ. އެކަމަކު ގަތަރުގައި ބޭއްވި ވޯލްޑްކަޕަކީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ ވޯލްޑްކަޕް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

އުމުރުން 87 އަހަރުގެ ބްލެޓާ ބުނީ 2030 ވަނަ އަހަރުގެ މުބާރާތް ބާއްވަން ޖެހޭނީ ދެކުނު އެމެރިކާގައި ކަމަށާއި އެއީ އުރުގުއޭ އިން ހޯސްޓްކޮށް ކާމިޔާބުކުރި ފުރަތަމަ އިވެންޓަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް