ads
ރައީސް ނަޝީދު އަދި އަސްލަމް
އިތުބާރު ނެތްކަމުގެ މައްސަލައާމެދު ނަޝީދަށް ގޮތެއް ނުނިންމޭނެ: އަސްލަމް
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ކަމަށާއި، ރައީސް ނަޝީދަށް އެ މައްސަލައާމެދު ގޮތެއް ނުނިންމޭނެކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕު (ޕީޖީ) ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގަ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އަސްލަމް ވިދާޅުވީ، އިތުބާރުގެ ނެތްކަމުގެ މައްސަލައާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަ ދެއްކެވުމަކީ އުސޫލުތަކާ ހިލާފު ކަމެއްކމަށެވެ. 

ރައީސް ނަޝީދު ރޭ މަޖިލީހުގެ ވަޓްސް އެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގަ ވިދާޅުވީ، ކޮންމެ ދަރުއެއްގަވެސް ހުށަހެޅޭނީ އިތުބާރު ނެތްކަމުގެ އެއް މަސަލަ ކަމަށެވެ. އަދި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިން ހުށަހެޅުމަށްފަހު ގެންދެވުމުން މިއަދުރުގަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. 

"އެ ފަރާތެއްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުނީމާ އެކަން ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެ ފަރާތަކުން މަޖިލިސް ރައީސްކަމަށް އިސްވެ ބަސް ބުނުމުގެ ހަމަޔަކީ އާންމު އުސޫލާ ހިލާާފު ކަމެއް. އެކަން ނިންމަވާނީ އަމީންއާންމު. އެ ގޮތް ނިންމެވުމުގައި ކައުންސިލަރު ޖެނެރަލްގެ ބަހެއް ވެސް ހޯއްދަވާނެ," އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މިއަދު ވިދާޅުވިއެވެ.

ރައިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން 48 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް އެމްޑީޕީން މިއަދު މަޖިލީހަށް ވަނީ ވައްދާފައެވެ. 

އެ މައްސަލައިގަ ބުނެފައިވަނީ ރައީސް ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތައް ބައްލަވައިގެންކަމަށެވެ. 

"ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލުތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ނިންމުމަށް ތަރުތީބު ކޮށްފައި ވަނިކޮށް މަޖިލީހުގެ ރައީސް މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައި ވަކި ފަރާތަކަށް ބުރަވެ ހުރެ މަޖިލީހުގެ ގަވައިދާ ހިލާފަށް،" މަޖިލީހަށް އެމްޑީޕީން މިއަދު ހުށަހެޅި މައްސަލައިގަ ބުނެފައިވެއެވެ.

މިގޮތުން މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހެއް ވަންދެން ހުއްޓާލާފައި އޮތުމަށްފަހު، އެމަނިކުފާނުގެ ޕާޓީގެ މަސްލަހަތު އޮންނަ ކަމެއް އެޖެންޑާކުރިކަމަށް ވެސް އެ މައްސަލައިގަ ބުނެފައިވެއެވެ.

މި މައްސަލަ މަޖިލީހުގެ އިދާރާއިން ވަނީ މިއަދު ހެނދުނު ބަލައިގަނެފައެވެ. 

ނަމަވެސް މިއަދު މަޖިލީހުގެ ކޯރަމް ހަމަނުވެގެން ހުއްޓާލުމުން އެ މައްސަލަ ތަޅުމަށް ގެނެސްފައެއް ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް