ads
ރައީސް އޮފީހުގެ މިނިސްޓަރު ސަމީރު
ސަރުކާރު ކުރާ މަސައްކަތްތައް ހުއްޓާލަން ނޭންގޭނެ: ސަމީރު
ސަރުކާރު ބަދަލުވަމުންދާ މަރުހަލާގައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ވެސް ހިނގަމުންދާ ސަރުކާރުގެ މަޝްރޫއުތައް ހުއްޓާލަން ނޭންގޭނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

މިރޭ ”ރާއްޖެޓީވީ“ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ، މިހާރުން ސަރުކާރުން ހިންގަމުންދާ ބައެއް މަޝްރޫއުތަކާއި، މަސައްކަތްތައް ހުއްޓާލަން އެދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ ފަރާތުން ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާކަމަށެވެ.

ސަމީރު ވިދާޅުވީ ގާނޫނާ ހިލާފަށް ގޯސްކޮށް ކަމެއްކޮށްފަ އޮތް ނަމަ ދެން އަންނަ ސަރުކާރަށް އެކަންތައް ބެލޭނެ ކަމަށެވެ. އެކަމަކު، އިންތިހާބީ ރައީސަށް ވެސް ހުވާކޮށް ވެރިކަމާ ހަވާލުނުވަނީސް ސަރުކާރުގެ ކަންކަން ހުއްޓާލަން އެންގުމުގެ ހައިސިއްޔަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އޭސީސީ އަށް ވެސް ސަރުކާރުން ކުރަމުންދާ މަޝްރޫއުތަކާއި، މަސައްކަތްތައް ހުއްޓާލަން ނޭންގޭނެ ކަމަށާއި އެ ކޮމިޝަންގެ ޒިންމާއަކީ ގޯސްކޮށް ކަމެއްކޮށްފަ އޮތްނަމަ އެކަންތައް ބެލުން ކަމަށް ވިދާޅުވެ ސަމީރު ވަނީ އެ ކޮމިޝަނަށް ވެސް ފާޑުވިދާޅުވެފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ. 

ސަމީރު މި މޭރުމަށް ވާހަކަދައްކަވާފައި މިވަނީ އިންތިގާލީ މަރުހަލާތެރޭގައި މަޝްރޫއުތައް ހަވާލުކޮށް މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދޭކަމަށް ބުނެ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ބޭފުޅުން ސަރުކާރަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އަދި މި ދުވަސްވަރު އާ މަޝްރޫއުތައް ނުފެށުމަށް އޭސީސީން ވެސް ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

50%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
35%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް