މިހާރު ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅަކުން ނަގަނީ 2 ދެ ރުފިޔާއެވެ.
ސަލީމް މި އިސްލާހު ހުށަހަޅުއްވާފަ ވަނީ، ކުނި މެނޭޖްކުރުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގެތެރޭގައެވެ.
"ކޮތަޅުފީ ތައާރަފް ކުރީ ރާއްޖޭގައި ތަކެތީގެ އަގު ބޮަޑުވި ވަގުތެއްގައި ކަމަށް ވުމުން އެ އަގު އާންމުންނަށް މާ ބޮޑަށް އިހުސާސް ކުރެވުނު،"
ސަލީމް ހުށަހެޅުއްވީ ރޯމަސް އުފުލުމާއި ކުނިވާ ޒާތު ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމުން ފީ ނެގުމުގައި އިސްތިސްނާ ހާލަތްތަކުގެ ގޮތުގައި ކަނޑައެޅުށެވެ. ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމާއެކު ކޮތަޅަކަށް ޗާޖުކުރެވޭ އަގު 50 ލާރިއަށް ކުޑަކުރުމަށް ވެސް އޭނާ ހުށަހަޅުއްވިއެވެ.
ޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ނަގަން 'ކުނި މެނޭޖްކުރުމުގެ ގާނޫނު' ގައި ލާޒިމުކޮށްފައިވާ ދެ ރުފިޔާގެ ފީ ނަގަން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ޕްލާސްޓިކް ކޮތަޅުގެ ފީ އަކީ ހުރިހާ ވިޔަފާރި ހަރަކާތަކުންވެސް ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ނަގަން ޖެހޭ ފީއެކެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފައިވަނީ ވަކިވަކިން ދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅާއި ގިނަ އަދަދެއްގެ ކޮތަޅު އެއްކޮށް (ކޮތަޅު ބޮނޑި) ވިއްކި ކަމުގައިވިޔަސް، ދޭ ނުވަތަ ވިއްކާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ މަގުން މި ފީ ނަގަން ޖެހޭނެ ކަމަށެވެ.