ads
ސްކޭމްތަކުން ރައްކާތެރިވާން ފައިސާ ފޮނުވޭ ފަރާތް ޔަގީން ކުރަން ޖެހޭ ކަމަށް ބީއެމްއެލުން ވަނީ ބުނެފައި - ފޮޓޯ:ބީއެމްއެލް
ސްކޭމްތަކުން ރައްކާތެރިވާން ފައިސާ ފޮނުވޭ ފަރާތް ޔަގީން ކުރަން ޖެހޭ: ބީއެމްއެލް
ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު، އެކަމުން ރައްކާތެރިވުމަށް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށްތޯ ޔަގީންކުރުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާ ދިއުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އާންމުކޮށް ސްކޭމްތައް ކުރަމުން އަންނަނީ އެ ދުވަސްވަރެއްގައި އާންމުންގެ މެދުގައި މަގުބޫލުކަން އޮންނަ ކަންކަމަށް ކަމަށެވެ.
ސައީދު ވިދާޅުވެފައިވަނީ ފްލެޓުތަކާ ގުޅޭ މަދު ޓްރާންސްސެކްޝަނެއް ހުރި ނަމަވެސް ބޮޑެތި އަދަދުތަކަކުން ފައިސާ ހޯދާފައި އެބަހުރި ކަމަށެވެ. އަދި ފްލެޓަށް ހުށަ ނާޅާ ފަރާތްތަކުން ވެސް ފައިސާ ފޮނުވާފައި ހުންނަ ކަމަށް ސައީދު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވި ގޮތުގައި ސްކޭމްގެ މައްސަލަތައް އިތުރުވަމުން އަންނައިރު، އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށްތޯ ޔަގީން ކުރުން ކަމުގައެވެ. އެގޮތަށް ފައިސާ ފޮނުވިއްޖެނަމަ ވީހާވެސް އަވަހަކަށް އެކަން އެ ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ބީއެމްއެލުން ވަނީ އިލްތިމާސްކޮށްފައެވެ.

ސައީދު ވިދާޅުވީ އާންމުންގެ ވަރަށް ގިނަ ފަރާތްތައް އުފައްދާ ސުވާލަކީ ލިންކްތަކަށް ފިއްތާލުމުން ފައިސާ ގެއްލެނީ ކީއްވެގެން ތޯ ކަމާމެދުގައި ކުރާ ސުވާލު ކަމަށެވެ. އެހެންނަމަވެސް ކަންތައް ހިނގަނީ އެހެން ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

"ލިންކަށް ފިތާލީމާ ދަނީ ބޭންކުގެ އިންޓަނެޓް ބޭންކިން ޕޭޖާ އެއްގޮތް ޕޭޖަކަށް. އެ ޕޭޖުގައި ކަސްޓަމަރެއްގެ އިންޓަނެޓް ބޭންކިން ޔޫސާ ނޭމް އަދި ޕާސްވޯޑް އެބަ ލިބޭ. އެހިސާބުން އެ ސްކޭމް ކުރާ ފަރާތަށް އެބަ ލިބޭ ކަސްޓަމަރުގެ މައުލޫމާތުތައް. ދެން އޯޓީޕީވެސް އެ ޕޭޖްގައި ޖެހީމައި، އެ ވެސް އެ ލިބުނީ އެފަރާތަށް،"ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ސައީދު ވިދާޅުވި އެވެ.

ޑޮލަރުގެ މުއާމަލާތްތަކާ ގުޅުން ހުރި ފައިސާގެ މައްސަލަތައް ވެސް ގިނަ ކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވެފައިވަނީ އޮންލައިން ގުރޫޕްތަކުން ޑޮލަރު ގަތުމަށް ފައިސާ ފޮނުވުމަށް ފަހު، ޑޮލަރު ނުލިބުން ފަދަ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް