
ރައީސް އޮފީހުން ބުނީ ވ. އަތޮޅާއި ބ. އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަޙައްދެއް ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފައިވާކަމަށެވެ. އަދި ލަފަޔާ އެއްގޮތަށް އެ ސަރަހައްދުތަކަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހުށަހެޅުއްވި ކަރުދާހަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު ގެ ދަށުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް 12 ސަރަހައްދެއް ނިންމާފައިވާކަމަށެވެ.
އެއީ:
- ވ.ކަވަރުފަޅު ސަރަޙައްދު
- ވ.ފޮއްތެޔޮ ސަރަޙައްދު
- ވ.ހިނގާކުޅީ ފިނޮޅު ސަރަޙައްދު
- ވ.ތުޑުހުރާ
- ވ.ރުއްހުރި ހުރާ
- ވ.ރަކީދޫ ކޯނަރ
- ވ.ފުށިފަރު ފަރުގެ ސަރަހައްދު
- ވ.ހުރާ ފަޅު
- ބ.ހުރާފަރު ސަރަޙައްދު
- ބ.ދަރަވަންދޫ ތިލަ ސަރަޙައްދު
- ބ.ދަރަވަންދޫ ތިލަ ސަރަޙައްދު
- ބ.ނެލިވަރު ސަރަޙައްދު
- ބ.އިންނަފުށި ސަރަޙައްދު
މިއީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތަކެކެވެ.
ރައީސް އޮފީހުން ބުނީ މި ސަރަޙައްދުތައް ހިމާޔަތް ކުރުމާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާ މަޝްވަރާކުރެވިފައިވާ ކަމަށެވެ.
މި ތަންތަން ޙިމާޔަތް ކުރުމަށް ނިންމާފައިވަނީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ 10 އިންސައްތަ ސަރަހައްދާއި، ކުޅި، ފާ، ޗަސްބިމުގެ 20 އިންސައްތަ ޙިމާޔަތްކުރުމާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފިނޮޅާއި، އެއް ފަރާއި، އެއް ކަނޑޫފާ ޗަސްބިން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއި ކަމަށް އެ އޮފީހުން ބުނެއެވެ.