ads
އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު: ވިދާޅުވީ މުއިއްޒަށް ނޮވެމްބަރު 11 ގައި ހުވާ ކުރެވެން ނެތް ކަމަށް - ފޮޓޯ:އަވަސް
މުއިއްޒަށް ނޮވެމްބަރު 11 ގައި ހުވާ ކުރެވޭކަށް ނެތް: އެޓާނީ ޖެނެރަލް
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރަށް ބަދަލެއް ނުގެނެސް 11 ނޮވެމްބަރުގައި އާ ރައީސްއެއް ހުވާކުރުމަކީ ދުސްތޫރީ ހަމަތަކުގެ މަތިން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފަސް އަހަރު ފުރެނީ އަންނަ މަހުގެ 17 ވަނަ ދުވަހަށް ކަމަށްވާއިރު، އެމަނިކުފާނު ވިދާޅުވެފައިވަނީ ގާނޫނީ އެއްވެސް ހުރަހެއް ނެތް ނަމަ, ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިހާބީ ރައީސް ހުވާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އާ ރައީސް ހުވާ ކުރުމާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން ރިއްފަތު ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ކަނޑައަޅާފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ މުއްދަތަކީ ފަސް އަހަރު ކަމަށާއި އެ މުއްދަތަށް އެއްވެސް ބަދަލެއް ގެނެވޭނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށެވެ.

އެ އިސްލާހު ގެންނައިރު 262 ގައި ބައެއް ހާލަތްތައް ބަޔާންކުރާކަން ފާހަގަކުރައްވާ ރިއްފަތު ވިދާޅުވީ އެ ހާލަތްތަކުގައި ގާނޫނުއަސާސީއަށް ބަދަލެއް ގެންނަ ކަމަށް ވާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްވެސް ދާން ޖެހޭނެ ކަމަށެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ރައީސްގެ ދައުރު ހަމައެއް ނުވެއެވެ. ރައީސް އިސްތިއުފާ ދެއްވައިފިނަމަ މަގާމާ ދެން ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސެވެ. ނައިބު ރައީސް އިސްތިއުފާ ދެއްވައިފިނަމަ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވައިފި ހާލަތެއްގައި މަޖިލީހުގެ ނައިބު ރައީސެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފިނަމަ މަޖިލީހުގެ ގަރާރަކުން ހޮވާ މެންބަރެކެވެ.

ރިއްފަތު ވިދާޅުވެފައިވަނީ ފަސް އަހަރުގެ ދައުރު ނިމުމަކަށް އަންނާނީ އަންނަ މަހުގެ 17 ގައި ކަމަށް ވުމުން އިންތިހާބީ ރައީސްއަށް މަގާމާ ހަވާލުވެވަޑައިގެންނެވޭނީ އެ ދުވަހު ކަމަށެވެ. ގާނޫނުއަސާސީގައި އާ ރައީސަކު ހުވާ ކުރާ ތާރީހަކީ ނޮވެމްބަރު 11 ކަމަށް އޮތް މާއްދާއަކީ ދާއިމަށް އަމަލު ކުރަން ޖެހޭ މާއްދާއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމުކުރެވިފައި ވަނީ 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ކޮންމެ ފަސް އަހަރަކުން އެ ދުވަހަކީ ޖުމްހޫރިއްޔާގެ ދައުރު ހަމަވާ އަހަރެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އެދިވަޑައިގަތުމަކީ ވައުދުވެވަޑައިގެންނެވި ގޮތަށް ނޮވެމްބަރު 11 ގައި ވެރިކަން ބަދަލުވެގެންދިއުން ކަމުގައެވެ.

މީގެ 10 އަހަރުކުރިން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، ސުޕްރީމް ކޯޓުން ބާތިލް ކުރުމުގެ ސަބަބުން އެ ތާރީހަށް އާ ރައީސަކު އިންތިހާބު ނުކުރެވި، ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެއަށްފަހު ވެރިކަމުގެ ދައުރު ގުނަމުން ދަނީ ނޮވެމްބަރު 17 އިން ފެށިގެންނެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު މިހާރުގެ ރައީސް، ރައީސް ސޯލިހާ ވާދަކުރައްވާ ކާމިޔާބު ކުރައްވާފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް