ads
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ފުރަތަމަ ފަހަރަށް ރާއްޖެ ވަނީ ހޮވިފައި - ފޮޓޯ:އެމްއެމްއޭ
ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުން ބޯޑުގެ ޗެއާކަން ފުރަތަމަ ފަހަރަށް ރާއްޖެއަށް
ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ފުރަތަމަ ފަހަރަށް ރާއްޖެ ހޮވިއްޖެއެވެ.
Advertisement

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ހޮވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމެވެ. މިއީ ވޯލްޑް ބޭންކް ގުރޫޕާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ މެންބަރު ގައުމުތަކުގެ ވޯޓުން ހޮވާ މަގާމެކެވެ. 
ޗެއާޕާސަންގެ މަގާމަށް އެމްއެމްއޭގެ ގަވަރުނަރު އިންތިހާބުވީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާ އެކުއެވެ. މި މަގާމަށް ރާއްޖެ ހޮވުނުކަން އިއުލާންކޮށްފައި ވަނީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕް – އައިއެމްއެފް އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. 
މި އާއެކު، އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަންނަ އަހަރުގެ އަހަރީ ބައްދަލުވުންތަކުގެ ޗެއާކަން ކުރައްވާނީ ގަވަރުނަރު އަލީ ހާޝިމެވެ. ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއެއް ހަމަޖައްސަނީ ކޮންމެ އަހަރެއްގައިވެސް ތަފާތު ސަރަހައްދަކުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޗެއާމަންކަމަށް ހަމަޖައްސާފައިވަނީ އޭޝިއާ ޕެސިފިކް މެންބަރު ގައުމުތަކުންނެވެ.

މިކަމާ ގުޅިގެން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް އަދި ޝަރަފެއް ރާއްޖެއަށް ލިބިގެން ދިޔަ. ވަރަށް ތާރީހީ ކަމެއް. ރާއްޖެ އައިއެމްއެފްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 45 އަހަރުވެފައިވާއިރު މިއީ ރާއްޖެއަށް މި ފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރު. އެހެންކަމުން، ވޯލްޑް ބޭންކް ގްރޫޕް އަދި އައިއެމްއެފްގެ ޗެއާގެ މަގާމު ރާއްޖެއަށް ލިބުމަކީ ވަރަށް ތާރީހީ ކާމިޔާބީއެއް. މި ފުރުސަތުގައި މި ކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި ރާއްޖެއަށް ތި ކުރެއްވި އިތުބާރަށްވެސް ޝުކުރު ދަންނަވަން،" - އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތައް ޗެއާކުރެއްވުމެވެ.

މީގެ އިތުރުން، ރެމިއުނެރޭޝަން އޮފް އެގްޒެކެޓިވް ޑިރެކްޓާސް އެންޑް ދެއާ އަލްޓަނޭޓްސް ކޮމިޓީ، ޖޮއިންޓް ޕްރޮސީޖާ ކޮމިޓީ އަދި މަލްޓިލެޓެރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ ޕްރޮސީޖާ ކޮމިޓީގެ ޗެއާކަން ކުރައްވާނީ ވެސް ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަންއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް