ads
ދިވެހީން ތިބީ ފަލަސްތީނާ އެކުގައިކަން ހާމަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން - ފޮޓޯ:ހޯމް ގެލެރީ
ދިވެހީން ތިބީ ފަލަސްތީނާ އެކުގައިކަން ހާމަކޮށްފި
ދިވެހީން ތިބީ ފަލަސްތީނާ އެކުގައި ހާމަކޮށް، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯބި ހާމަކޮށްފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އިސްރާ އެސޯސިއޭޝަނުން ފަށާފައިވާ ގައުމީ ކެމްޕެއިންގެ ފަރާތުން ގިނަ އަދަދެއްގެ މަދަނީ ޖަމިއްޔާތަކާ ގުޅިގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި މިއަދު ހަވީރު ބޮޑު އެއްވުމެއް ވަނީ ބާއްވާފައެވެ.

މިއަދު ހަވީރު 4:00 ޖެހިއިރު ފެށި އެ އެއްވުމުގައި އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެ، ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާފައެވެ. އެ އެއްވުން ނިންމާލާފައި ވަނީ އިޒްރޭލުގެ އަނިޔާވެރިކަމުން ފަލަސްތީނު ސަލާމަތްކޮށްދެއްވުމަށް އެދި ކުރެވުނު ހާއްސަ ދުއާއަކުންނެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެ އެއްވުމުގެ އިތުރުން ޒުވާނުން އިސްނަގައިގެން މާލޭގައި ސައިކަލު ބުރެއްވެސް ވަނީ ބާއްވާފައެވެ. ފަލަސްތީނުގެ ދިދަތައް ހިފައިގެން އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި ސައިކަލު ބުރު ކުރިއަށް ގެންގޮސްފައިވަނީ ރަސްފަންނު ސަރަހައްދުން ފެށިގެން އާޓިފިޝަލް ބީޗު ސަރަހައްދަށެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކުގައިވެސް ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމުގެ ގޮތުން ހަރަކާތްތައް ވަނީ ބާއްވާފައެވެ. އެގޮތުން ބޭއްވި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުން ވަނީ ފަލަސްތީނުގެ ދިދަ އާއި ބެނާތައް ހިފައިގެން އެ ގައުމު މިނިވަން ކުރުމަށް ގޮވާލާފައެވެ.

your imageދިވެހީން ތިބީ ފަލަސްތީނާ އެކުގައިކަން ހާމަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން - ފޮޓޯ:ސާޖިއު

މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށި ފަހުން ގާޒާއަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކުގައި 1،700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އެ ހަމަލާތަކާ ގުޅިގެން އެތައް ބައެއްގެ ގެދޮރު ވަނީ ނެތި ގޮސްފައެވެ. އޭގެ އިތުރުން އިޒްރޭލުން ގާޒާއަށް ފެނާއި ކަރަންޓު އަދި ކާބޯތަކެތި ލިބުން ވަނީ ހުއްޓުވާފައެވެ.

މި ހަމަލާތަކާ އެކު ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް، އައިއޭސީން ފަންޑެއް ހުޅުވާފައިވާއިރު، އެ ފަންޑަށް މިހާތަނަށް ތިން މިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އައިއޭސީން ބުނެފައިވަނީ އެ ޖަމިއްޔާއަށް ލިބުނު ފައިސާއިން މިހާތަނަށް ތެޔޮ ހުސްވެގެން ކަރަންޓު ކެނޑިފައިވާ ގާޒާއަށް 5،000 ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެނޫންވެސް ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގާޒާއަށް އެހީވުމަށް މިއަދާއި މާދަމާ މާލެ އާއި ހުޅުމާލޭގައި ފަންޑު ފޮށިތައް ހުންނާނެ ކަމަށް އައިއޭސީން ބުނެއެވެ. އައިއޭސީން ބުނި ގޮތުގައި އޮންލައިން ޓްރާންސްފާ މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް