
ފިނޭންސް މިނިސްޓްރީން އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން" ގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރަމުން އައި ނަމަވެސް، ހަދަން ފަށައި ނުނިމި އެތައް ރިސޯޓެއް އެބަހުރި ކަަމަށެވެ. އެއްބަސްވުމާ އެއްގޮތަށް އެ ރަށްތަކުގެ މަސައްކަތްތައް ކުރިއަށް ނުދިއުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުން ލިބެން ޖެހޭ އާމްދަނީ ދަށްވާ ކަަމަށް އެ ރިޕޯޓުގައިވެއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ އެފަދަ ރިސޯޓުތަކުން އުފެދެން ޖެހޭ ވަޒީފާތައް ނުއުފެދި، ފަތުރުވެރިކަމުން އިގުތިސޯދުގެ އެހެން ދާއިރާތަކަށް ނުސީދާ ގޮތުން ލިބޭ މަންފާތައް ލިބުމަށް ހުރަސް އެޅޭ ކަަމަށެވެ.
އެންމެ ގިނަ ރިސޯޓުތައް ނުހެދި ހުއްޓިފައި ވަނީ ކ. އަތޮޅުގައި ކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ އަތޮޅުގައި މަސައްކަތް ހުއްޓި، އޮޕަރޭޝަން ނުފެށި 29 ރިސޯޓެއްވާ ކަމުގައެވެ. ހިދުމަތް ދެމުން އަންނަ 55 ރިސޯޓާ އެކު ކ. އަތޮޅަކީ ރާއްޖޭގައި މިހާރު އެންމެ ގިނަ ރިސޯޓު ހިންގަމުން އަންނަ އަތޮޅެވެ.
ރިސޯޓު ހެދުން ހުއްޓިފައިވާ ރަށްތައް ދެވަނައަށް އެންމެ ގިނަ އަތޮޅަކީ ގއ. އަތޮޅަށްވާއިރު، އެ އަތޮޅުގައި މަސައްކަތް ހުއްޓިފައި ވާ 10 ރަށް އެބަ އޮތެވެ. ލ. އަތޮޅުގެ ހަތް ރަށެއްގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ނ. އާއި ބ. އަތޮޅުގައި މަސައްކަތް މެދުކެނޑި، ހިދުމަތް ދޭން ނުފަށާ ފަސް ރަށެއްވެއެވެ.
ނުހެދި ހުރި ރިސޯޓުތަކާ މެދު ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކުރީގެ ސަރުކާރުތަކުންނާއި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.