ads
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު: ކުރިއަށް މި އޮތް މަސް ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި - ފޮޓޯ:ދިވެހި ފުލުހުންގެ ހިދުމަތް
ސީޕީ ހަމީދު ނޮވެމްބަރު 11 ގައި ރިޓަޔާ ކުރައްވަނީ
ކުރިއަށް މި އޮތް މަސް ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގަންނަވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިސްވެރިން ހިމެނޭ އެ މުއައްސަސާގެ ޕްލެޓްފޯމަކަށް ސީޕީ ހަމީދު ފޮނުއްވެވި ދިގު މެސެޖެއްގައި ވަނީ 2012 ވަނަ އަހަރު ފުލުހުންގެ ހިދުމަތުން އޭނާ ވަކި ކުރެއްވުމާއި އަލުން ހިދުމަތާއި ގުޅިވަޑައިގެންނެވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ގޮތާ ގުޅޭގޮތުން އަލިއަޅުއްވާލައްވާފައެވެ. ހަމީދުގެ މެސެޖުގައި މިދިޔަ ހަތަރު އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި އޭނާގެ ލީޑާޝިޕްގައި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް ކުރެއްވި މަސައްކަތްތައް ވަނީ ފާހަގަ ކުރައްވާފައެވެ.
ފުލުހުންގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ހަމީދު ވިދާޅުވީ އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގެންނެވުމަށް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ހަމަވުމުގެ ކުރިން މަގާމުން ރިޓަޔާ ކުރައްވާނެ ކަމަށް ހަމީދުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ. ހަމީދު ވިދާޅުވި ގޮތުގައި އޭނާ ރިޓަޔާ ކުރައްވާނެ ތާރީހެއް ކަަމަށް ލަފާ ކުރެވެނީ ނޮވެމްބަރު 11 ވަނަަ ދުވަސް ކަމުގައެވެ.
އޭނާއަކީ ކަންކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވާ ބޭފުޅެއް ކަމަށް ހަމީދު ވިދާޅުވިއެވެ. 

ހަމީދު ވިދާޅުވީ އޭނާ އެކަން ކުރައްވަނީ ގަބޫލު ކުރައްވާ ޕްރޮފެޝަނަލް މިންގަނޑުގައި ޕޮލިސީ ލެވެލްގައި ކަމަށާއި އެގޮތަށް އަމަލު ކުރައްވާތީ ބައެއް ބޭފުޅުންނަށް އޭނާއަކީ ގޯސް ބޭފުޅެއްގެ ގޮތުގައި ސިފަ ކުރެވިފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ފުލުހުންގެ ވަޒީފާއިން ހަމީދު ވަކި ކުރައްވާފައި ވަނީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް އާންމު ކުރެެއްވުމުގެ ތުހުމަތުގައެވެ. ފުލުހުންގެ އެތެރޭގެ ކަންކަމާއި ސިއްރު މައުލޫމާތު އޭރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީ އާ ހިއްސާ ކުރާ ކަމުގެ ތުހުމަތު އޭނާއަށް އޮވެއެވެ.

ހަމީދުގެ މެސެޖުގައި ވިދާޅުވެފައިވަނީ ފުލުހުންގެ ހިދުމަތާ އަލުން ގުޅިވަޑައިގެން އެ މުއައްސަސާ ލީޑު ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އުމުރުން 17 އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތަށް އޭނާގެ ހިދުމަތުގައި އޮތް ލޯބި އިތުރުވި ކަމެއް ކަމަށެވެ. އެހެންނަމަވެސް ކަންކަން ވީގޮތުން 2018 ވަނަ އަހަރު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ވަޑައިގަންނަވަން ފުރަތަމަ އޭނާ ބޭނުންފުޅުވެވަޑައިނުގެންނެވި ކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވި ގޮތުގައި އޭނާ ފުލުހުންގެ ހިދުމަތާ ހަވާލުވެވަޑައިގެންނެވިއިރު އެ މުއައްސަސާގެ ނަން އޮތީ ފުދޭ ވަރަކަށް ކިނބަލުވެފައި ކަމުގައެވެ. އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑަައިގެންނެވީ ފުލުހުންގެ ސަފުތައް އެކުވެރިކޮށް އެއްބައިވަންތަ ކުރަންކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ ބައެއް ކަންކަމުގައި އަމިއްލަ ވިސްނުންތަކާއި ހިޔާލުތައް އެއް ފަރާތްކޮށް މުއައްސަސާގެ ކުރިމަގުގެ މަސްލަހަތަށް ނިންމުންތައް ނިންމާފައިވާނެ ކަމަށެވެ.
ފުލުހުންްގެ ހިދުމަތާ މެދު އާންމު ރައްޔިތުންގެ އުންމީދުތައް އަދިވެސް އެބަހުރި ކަމަށް ހަމީދު ވިދާޅުވިއެވެ. ކުށުގެ ވެށި އަމާންކޮށް ސަލާމަތްތެރި މުޖުތަމައެއް ގާއިމު ކުރުމަށް ކުރަން ޖެހޭ އިތުރު ކަންކަން ހުރިކަމަށް ހަމީދު ފާހަގަ ކުރެއްވިއެވެ.
ސީޕީ ހަމީދުގެ މެސެޖުގައި ވިދާޅުވެފައިވަނީ ފުލުހުންގެ ހިދުމަތުގައި ކުރަން ޖެހިވަޑައިގަތް ތަޖުރިބާތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުުރު މެސެޖުތަކާއި ޕޯސްޓްތަކުން ހިއްސާ ކުރައްވާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް