
މުއިއްޒު މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނާއެކު، މޭޔަރުގެ ހަސިއްޔަތުން އިންތިހާބީ ރައީސް، ޑރ. މުއިއްޒު ބައްދަލުކުރައްވާ ފަހު ބައްދަލުވުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.
މުއިއްޒު ވިދާޅުވީ، މާލޭގެ ތަރައްގީއަށް ކުރަންޖެހޭ ގިނަ ކަންކަން ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެގެން ދިޔަ ކަމަށާއި، އެ ގޮންޖެހުންތައް ކުރިމަތިވެގެން ނުދިޔަނަމަ، މާލެއަށް މިހާރަށްވުރެ ފުރިހަމައަށް ކަންތައްތައް ކޮށްދެވުނީސް ކަމަށެވެ.
ގޮންޖެހުންތައް ކުރިމަތި ނުވިނަމަ، މާލޭގެ ޕާކިން މައްސަލަ ހައްލުވެ، މަގުތައްވެސް ހުންނާނީ ހެދިފައި ކަމުގައި ވިދާޅުވި އެވެ. ނަމަވެސް، ސަރުކާރުގެ ފަރާތުންނާއި، އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ގިނަ ކަންކަން ނުވެ އޮތްކަމަށް މުއިއްޒު ވިދާޅުވި އެެވެ.
އެކަން މުއިއްޒުގެ ސަރުކާރުގައި ބަދަލުކުރައްވާނެ ކަން ފާހަގަކުރައްވާ ވިދާޅުވީ، ސަރުކާރާއި، އިދާރާތަކުގެ މަސައްކަތްތައް ދެފުށް ފެންނަ، ހާމަކަން ބޮޑު އަދި ރައްޔިތުންނަށް ޖަވާބުދާރީ ވެވޭ ތަންތަނަށް ހައްދަވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ކޮންމެ އިދާރާއެެއްގައި އަދި ކޮންމެ މަގާމެއްގައި ހުންނަ މުވައްޒަފަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބޭ ހާދިމުން ކަމަށެވެ. އަދި، ސަރުކާރުގެ ވިސްނުމަކަށް ވާނީ، އެއިން ކޮންމެ އިދާރާއެއްގައި ތިބޭ ކޮންމެ މުވައްޒަފަކީ ރައްޔިތުންނަށް ކަންކަން ފޮރުވުމެއްނެތި ޖަވާބުދާރީވެވޭ، މީހަކަށް ހެދުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ މޭޔަރު ކަމުގެ ދަށުން 2021 ވަނަ އަހަރުގެ މެއި 17ވަނަ ދުވަހު، މާލޭ ސިޓީ ކައުންސިލުގެ ދައުރު ފެށިގެން މިހާތަނަށް ހޭދަވީ މުއްދަތުގައި މާލެ ސިޓީއަށް ގެނެވުނު ހުރިހާ ހެޔޮ ބަދަލަކާ ތަރައްގީއެއްގެ ފަހަތުގައި ތިއްބެވީ ކައުންސިލުގެ މުވައްޒަފުން ކަން މުއިއްޒު ފާހަގަކުރެއްވި އެވެ. ކައުންސިލުގެ ފަރާތުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ދިމާވަމުންދިޔަ ގޮންޖެހުންތަކުން އަރައިގަނެވުނީ މުވައްޒަފުންގެ ހިތްވަރުކަން ފާހަގަކުރައްވާ، އެމަނިކުފާނުގެ ސަރުކާރުގައި ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެރުވި އެވެ.
ސަރުކާރު ހިންގާނީ ދެފުށް ފެންނަ ގޮތަށް، ހާމަކަން ބޮޑުކޮށް ރައްޔިތުންނަށް ޖަވާބުދާރީ ވެވޭ މީހުންނާ އެކީގަ ކަމުގެ ޔަގީންކަން މިރޭ މުއިއްޒު އެރުވިއިރު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުންނުވި މައިގަނޑު ސަބަބަކީ، ދޭދޭ ގައުމުތަކާއެކު ވާ އެއްބަސްވުންތަކާއި، ސަރުކާރު ހިންގުމުގައި ހާމަކަން ނެތި، ޖަވާބުދާރީ ނުވެވޭތީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.